ރައީސްގެ ވާހަކަފުޅު ހަގީގަތާ ޚިލާފު، 'ވާނުވާ'ގައި ތިބި މީހުން ޓެގު އަޅުވައި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް: ޑިޓެއިނީ ވޮޗް
އެކި ކުށްކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން، ނުވަތަ "ވާނުވާ" ބަންދުގައި ތިބި މީހުންގެ ފައިގައި ޓެގު އަޅުވައި، އެ މީހުން މޮނިޓާކުރެވޭ ގޮތަށް ޝަރުތުތަކާއެކު ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް، ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން މިއަދު ބުނެފިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި ކުށްކުށުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިގެންވާ ހައްގެއް ނޫންކަމަށާއި، އެއީ ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ. އެމަނިކުފާނުގެ އެ ވާހަކަފުޅަށް އަލިއަޅުވާލައި ޑިޓެއިނީ ވޮޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސްގެ އެ ވާހަކަފުޅަކީ ހަގީގަތާއި ޚިލާފު ސިފަކުރެއްވުމެއް ކަމަށެވެ. ބޮޑެތި ކުށްވެރިންގެ ފައިގައި ޓެގު އަޅުވައި، އެމީހުން މޮނިޓާކުރެވޭ ގޮތަށް ޝަރުތުތަކާއެކު ދޫކުރުމުގެ ނިޒާމަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ކާމިޔާބުކަމާއެކު އަމަލުކުރަމުން އަންނަ ނިޒާމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ޑިޓެއިނީ ވޮޗުން ބުނީ، މިހާރުވެސް ޓެގު އަޅުވައި ބަންދުން ދޫކުރި ދިވެހީންގެ ފަރާތުން މިއަދާ ހަމައަށް އައިއިރުވެސް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިނުވާ ކަމަށެވެ. https://sun.mv/214873 ޝަރީއަތް ނިމެންދެން ކުށްވެރިން ބަންދުކުރާއިރު، ޝަރީއަތް ފުރިހަމަކުރުމަށް ހޭދަވާނެ މުއްދަތެއް ނޭނގުމުގެ އިތުރުން، ބައެއް މައްސަލަތަކަކީ ކޯޓުގައި ސާބިތުވާނެކަމުގެ ޔަގީންކަމެއް ނެތް މައްސަލަތަކަކަށް ވުމުގެ ފުރުސަތު އޮތް މައްސަލަތައް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި ވާނުވާ ބަންދުގައި ތިބި މީހުންނަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްޓަކައި ޓެގު އަޅުވައި ބަންދުން ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފެށި ނަމަވެސް، ފެނުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރި މަދު ބަޔަކު އެގޮތަށް ދޫކުރި މަންޒަރު އެކަންޏެވެ. "ކޮންމެ އިންސާނަކީވެސް އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު ކުށުން ބަރީއަވެގެންވާ ފަރާތެއް ކަމުގައި ދުށުމުގެ ހައްގު ގާނޫނީ ގޮތުންނާއި އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ދަށުން ލިބިފައިވާ މީހެއްކަން މި ޖަމިއްޔާއިން ފާހަގަކުރަން،" އެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ. ކަރެކްޝަންސްގެ އޮފިސަރުންތަކެއް ގައިދީއަކު ގެންދަނީ -- ފޮޓޯ: ކަރެކްޝަންސް އަދި ވާނުވާ މައްސަލަ ހައްލުނުވަނީ ޝަރީއަތްތައް ދިގުލައިގެން ދާތީ ކަމަށް ވެސް ޑިޓެއިނީ ވޮޗުން ބުންޏެވެ. "އެގޮތުން ކޯޓުތަކަށް ގާޒީން އިތުރުކޮށް މުވައްޒަފުން މުސްތަގުބަލުގައި އިތުރުކުރިޔަސް، މައްސަލަތަކުގައި ވަކާލާތުކުރާ މަދު ވަކީލުން، އެއްފަހަރާ ތާވަލުކުރެވޭ މައްސަލަތަކަށް ހާޒިރު ނުވެވުމާއި، ކަރެކްޝަނާއި އެހެނިހެން މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން ޝަރީއަތްތައް ކެންސަލްވުން ފަދަ އެތައް ގިނަގުނަ މައްސަލަތަކެއްގެ ސަބަބުން ކޯޓުތަކުގައި އޮތް ބެކްލޮގުން ސަލާމަތްވުމަށް އަދިވެސް ދިގު މުއްދަތެއް ނަގާނެ ކަމަށް މި ޖަމިއްޔާއިން ގަބޫލުކުރަން،" ބަޔާނުގައިވެއެވެ. ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ޒުވާނަކު ވަނީ، ވާނުވާ ބަންދު އަދިވެސް އުވައިނުލައްވާތީއާއި، ވާނުވާ ބަންދުގައި ތިބި މީހުން މިނިވަންނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ކުރިން އޮތީ "ވާނުވާ"ގައި ކަމަށެވެ. އެ ފަދަ ބައެއް މައްސަލަތައް ނިމޭނެ ދުވަހެއް އެ ކަންކަމުގައި ޝާމިލުވާ މީހުންނަށް ވެސް މިހާތަނަށް ނޭނގޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ފުރަތަމަ ބެއްލެވީ ބަންދުގައި ވާނުވާގައި ހުންނަން މެދުވެރިވާ ސަބަބުތައް ކަަމަށެވެ. އެއަށްފަހު އެކަން ހައްލުކުރުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރަން އެ އެންމެން "ފަސް މިނެޓު ތެރޭ" ބަންދުން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ސަބަބަކީ ޝަރީއަތް ނިމެންދެން ބަންދުގައި މި ވަގުތު 347 މީހަކު ތިބިއިރު ނުރައްކާތެރި އެތައް ކުށެއްގެ ތުހުމަތުކުރެވޭ މީހުން ތިބުމުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި: މަރުގެ މައްސަލަތަކުގައި، މީހުން މެރިކަމުގެ ތުހުމަތުކުރެވޭ 29 މީހަކު އެބަތިބި ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހަކު އެބަތިބި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 117 މީހަކު އެބަތިބި މާރާމާރީގެ މައްސަލަތަކުގައި 70 މީހުން އެބަތިބި ޑުރަގް ޓްރެފިކިން މައްސަލަތަކުގައި 116 މީހުން އެބަތިބި ރައީސް ވިދާޅުވީ މަނީ ލޯންޑަރިން، ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުން، އެއްޖިންސުން ގުޅުން ހިންގުން، ރަހީނުކުރުން، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ވެސް ވާނުވާ ބަންދުގައި މީހުން އެބަތިބި ކަމަށެވެ. "ފަސް މިނެޓު ތެރޭ މި ބޭފުޅުން އަޅުގަނޑު މުޖުތަމައުއަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ،" ރައީސް އެއްސެވިއެވެ. "ފަސް މިނެޓެއް ނޫން، އެއް ސިކުންތުގައި ދޫކޮށްލެވޭނޭ ވިދާޅުވިޔަސް، އަޅުގަނޑެއް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގައިފައި ހުރި މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމް ހިންގައިފައިހުރި މީހެއް، މާރާމާރީ ނުވަތަ މަރުވާ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑެއް، އަޅުގަނޑު ހިތުން އަޅުގަނޑުގެ ހައްގެއް ނޫން، އަޅުގަނޑަކަށް ލިބިފައި އޮތް ފުރުސަތެއް ވެސް ނޫން، އަޅުގަނޑު ކޮށްގެން ވާނެ ވެސް ކަމެއް ނޫން އެއީކީ. އެހެންވީމާ އެ ކަން ނުވަނީ،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ