ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ބޭއްވައިފި އެވެ.
ރައީސް އެކަމުގެ ޔަގީންކަން ދެއްވީ މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު މިރޭ ކަލާފާނު ސުކޫލުގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ބައްދަލްވުންތަކުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ އެއް މައްސަލައަކީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މައްސަލަ އެވެ. ހެންވޭރުގެ ގިނަ ރައްޔިތުންވެސް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހިއްސާކުރެއްވީ އެކަމެވެ.
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ދިގުކޮށް ކުރެއްވި ޝަކުވާތައް އަޑުއައްސަވާ ރައީސް ވިދާޅުވީ މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންނަށް ފަހި ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ. އެ ގޮތުން ވިދާޅުވީ އެފަދަ މީހުންނަށް ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށް ވެސް އީޖާބީ ހައްލެއް ހޯއްދަވައިދެއްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ރައީސް ދެއްވި އެވެ. އަދި ވިދާޅުވީ އެކަންކަމާއި ގުޅޭގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
ރައީސް ދެއްވީ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް ގެންނަވާނެ ކަމުގެ ޔަގީންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ