ފިލްމު 'ތާޖް ސްޓޯރީ'ގެ ޓްރެއިލާ ދައްކާލައިފި
މިހާރުވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ރައްދުވެފައިވާ ފިލްމު "ދަ ތާޖް ސްޓޯރީ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. ބޮލީވުޑް އެކްޓަރު ޕަރޭޝް ރާވަލް ލީޑް ރޯލް ކުޅޭ މި ފިލްމަކީ ތުޝާރު އަމްރިޝް ގޮއެލް ޑައިރެކްޓްކޮށް ސީއޭ ސުރޭޝް ޖާ ޕްރޮޑިއުސްކޮށް ގެނެސްދޭ ކޯޓުރޫމް ޑްރާމާއެކެވެ. ޕަރޭޝް ރާވަލް ޓުވަރިސްޓް ގައިޑެއްގެ ރޯލް ކުޅޭ މި ފިލްމަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ހަތް އަޖައިބުގެތެރޭ ގުނާލެވޭ މަގުބޫލު ބިނާ ތާޖް މަހަލް ވުޖޫދަށް އައިގޮތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ހަގީގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ ގެނެސްދޭ މި ފިލްމުގައި ތާޖް މަހަލްގެ އަސްލާ މެދު ސުވާލު އުފެދި އެތަނަކީ ކުރިން ހިންދޫންގެ މީހުން އަޅުކަން ކުރަން ބޭނުންކުރި ފައްޅިއަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ދައުވާކޮށް އެ މައްސަލަ ކޯޓަށް ވައްދާ މަންޒަރު ފިލްމުގެ ޓްރެއިލާއިން ދައްކުވައިދެއެވެ. އިންޑިއާގެ އާގްރާގައި ހުންނަ ބިނާ ތާޖް މަހަލް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އިންޑިއާގެ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ މި ބިނާގެ އަސްލާ މެދު ސުވާލު އުފައްދާ އާއްމުންގެތެރޭ ފިތުނަ ފަސާދަވެރިކަން އުފެދޭ ގޮތަށް ފިލްމެއް ގެނެސްދޭތީ އިންޑިއާގެ ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި މިއީ މިހާރު ވެރިކަންކުރާ ބީޖޭޕީއިން މުސްލިމުންނާ ދެކޮޅަށް ހިންގާ ވަރަށް ވަރުގަދަ ޕްރޮޕެގެންޑާއެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސް ސުވަނިމް ގްލޯބަލް ސާވިސްއިން ބުނެފައި ވަނީ ފިލްމުގައި ދައްކުވައިދެނީ ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާކޮށް ފެންނަން ހުރި ކަންކަން ކަމަށާއި އެ ފިލްމުގައި ދީނީ އެއްވެސް ކަމަކާ މެދު ބަހުސް ނުކުރާނެ ކަމަށެވެ. މި ފިލްމު ސިނަމާތަކަށް ގެނެސްދޭނީ މި މަހުގެ 31ގައެވެ. އިންޑިއާގައި ހުރި މުސްލިމުންގެ ފަންނުވެރިކަން ދައްކުވައިދޭ ތާޖް މަހަލް އަކީ އިންޑިއާގެ އާގަރާގައި ހުންނަ ތާރީޚީ ބިނާއެކެވެ. ތާޖް މަހަލް އަކީ އިންޑިއާގެ ކުރިގެ ރަސްކަލެއް ކަމަށްވާ ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން މުމްތާޒް މަހަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ބިނާކުރެއްވި ލޯބީގެ ބިނާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ