ހައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް އާންމުކޮށްފި
ހައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް ސައުދީ އަރަބިއްޔާގެ ސަރުކާރުން, އިސްލާމިކް މިނިސްޓްރީއަށް އަންގައިފިއެވެ. އިސްލާމިކް މިިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, އަންނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ޙައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ޙައްޖުވެރިންނަށް ސައުދީ ސަރުކާރުން ފޮނުވާފައިވާ އިރުޝާދުތައް ބުނެދީފައެވެ. އެ މިނިސްޓްރީން ބުނީ، މިއީ ކޮންމެ އަހަރެއްގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޙައްޖުވެރިން ދަތުރުކުރާ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން އަންގާ އެންގުމެއް ކަމަށެވެ. މިއީ ޙައްޖުގެ ކަންކަން ހަރުދަނާކޮށް، އަމާންކަމާއި އޮމާންކަމާއެކު ގެންދިޔުމުގެ ގޮތުން އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. ޙައްޖުވެރިން ސިއްހީގޮތުން ސަމާލުވާން ޖެހޭނެ ކަންކަން: 1. ސަޢުދީ ޢަރަބިއްޔާގެ ސިއްހަތާބެހޭ ވުޒާރާގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމާއި، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ލިބިގެންވާކަން ކަނޑައެޅުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ ކަންކަން އެކަށައެޅުން. 2. ސިއްހީގޮތުން ކުޅަދާނަކަން ލިބިގެންވާކަން އަންގައިދިނުމަށް ސަރުކާރުން ރެގިޔުލޭޓުކުރާ ސިއްހީ މަރުކަޒުތަކުން އަސްލާއެއްގޮތްކަން އަންގައިދޭ ތައްގަނޑުޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއް ޙައްޖުވެރިޔާއަށް ދިނުން. މީގެ އިތުރުންވެސް، ބައެއް ބަލިތަކާއި ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ވެސް، ސައުދީން އެދިފައިވެއެވެ. އެގޮތުން: އަސާސީ ގުނަވަންތަކުން ގުނަވަނެއް ފެއިލްވެފައިވާ ފަރާތްތަކަށް ނުވުން. ހާޓް ފެއިލްވެފައިވާ ފަރާތަކަށް ނުވުމާއި، ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ދާއިމީގޮތެއްގައި އޮކްސިޖަން ގުޅައިގެން އުޅެންޖެހޭ ފަރާތަކަށް ނުވުމާއި، ފުރަމޭގެ ސިރޯސިސް ތަޙައްމަލްކުރާ ފަރާތަކަށް ނުވުމާއި، ކިޑްނީފެއިލްވުމުގެ ސަބަބުން ޑައިލަސިސް ހަދާފަރާތަކަށް ނުވުން. ނާރުގެ ނުވަތަ ނަފްސާނީ ބަލި ތަޙައްމަލްކުރާ ފަރާތަކަށް ނުވުން. ނާރުގެ ނުވަތަ ނަފުސާނީ ބަލީގެ ސަބަބުން މީހާގެ ވިސްނުމަށް ނުވަތަ ބުއްދިއަށް އަސަރުކުރާ ނުވަތަ އޭގެ ސަބަބުން ރަނގަޅަށް ހިނގާބިގާވެ ނޫޅެވޭ ފަރާތަކަށް ނުވުން. ޑިމެންޝިއާ ބަލިޖެހިފައިވާ މުސްކުޅި އުމުރުގެ މީހަކަށް ނުވުން. މާބަނޑުވުމުގެ އެންމެ ފަހު ތިންމަސް ގުނަމުންދާ އަދި މާބަނޑުވުމުގެ ކޮންމެ މަރުޙަލާއެއްގައި ވެސް ވިހެއުމުގެ ރިސްކު އޮތް މީހެއް ކަމުގައި ނުވުން. ކީމޯތެރަޕީ ނުވަތަ ބަޔޮލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރު ބަލީގެ މީހަކަށް ނުވުން. އާންމު ސިއްހަތަށް އަސަރުކުރާ ޖަރާސީމުތަކުން ޖެހޭ (ޓީބީ އާއި، ހެމަރޭޖް ހުން ފަދަ) ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތަކަށް ނުވުން. ރާއްޖެއިން އަންނަ އަހަރު ހައްޖުގެ އަޅުކަމަށް ދެވޭ މީހުންނަށް އެކަން އެންގުމުގެ މަސައްކަތް މިދިޔަ މަހު ހައްޖު ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ. ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލިމީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ