އިސްރާއީލްގެ ޖާސޫސީ ކުންފުންޏަށް ވަޓްސްއެޕް ބްލޮކްކޮށްފި

އިސްރާއީލުގެ ސްޕައިވެއާ އުފައްދާ ޖާސޫސީ ކުންފުނި ސައިބާ އިންޓެލިޖެންސް (އެންއެސްއޯ) ގްރޫޕަށް ވަޓްސްއެޕް ބްލޮކްކޮށްފިއެވެ. އެގްރޫޕަށް ވަޓްސްއެޕް ބްލޮކްކޮށްފައިވަނީ ވަޓްސް އެޕްގެ ޔޫޒަރުންނަށް އަމާޒުކޮށް ހިންގާ ޖާސޫސީ ހަރަކާތްތައް ދާއިމީކޮށް ހުއްޓުވުމަށް ވަޓްސްއެޕުން ކޯޓްގައި އެދުނު އެދުމުގެ މައްޗަށް ބިނާކޮށް އިއްވި ހުކުމުގައެވެ. އެމެރިކާގެ ފެޑެރަލް ފަނޑިޔާރު ފިލިސް ހެމިލްޓަން އިއްވި ހުކުމުގައި އެ ގްރޫޕަށް ވަޓްސްއެޕް ބްލޮކްކުރުމަށް އަމުރުކޮށްފައިވީ ނަމަވެސް އެންއެސްއޯ ގްރޫޕުން މެޓާއަށް ދައްކަންޖެހޭ ޖޫރިމަނާ ވަނީ ބޮޑުތަނުން ކުޑަކޮށްފައެވެ. https://sun.mv/212818 މިދިޔަ އަހަރުގެ ކުރީކޮޅު ޖޫރީއަކުން ނިންމާފައިވަނީ، 2019 ވަނަ އަހަރު 1,400 އަށް ވުރެ ގިނަ ވަޓްސްއެޕް ޔޫޒަރުންނަށް، އަމާޒުކޮށް ހިންގި ޖާސޫސީ އަމަލުތަކުގެ ސަބަބުން މެޓާއަށް 167 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ގްރޫޕުން ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ފިލިސް ހެމިލްޓަން ހުކުރު ދުވަހު ނިންމެވީ، އެންއެސްއޯ ގްރޫޕްގެ އަމަލުތައް "ޚާއްސަ ގޮތެއްގައި ނުރައްކާތެރި" ކަމަށް ކަނޑައެޅުމަށް ކޯޓަށް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން، ޖޫރިމަނާގެ ނިސްބަތް ކުޑަކުރަން ކަނޑައަޅާފައިވާ ކަމަށާއި، އެއާ ގުޅިގެން ދައްކަންޖެހޭ ފައިސާ 4 މިލިއަން ޑޮލަރަށް ކުޑަވެގެންދާނެ ކަމަށެވެ. ކޯޓްހައުސް ނިއުސް ސާވިސްއަށް ދެއްވި ބަޔާނެއްގައި ވަޓްސްއެޕްގެ ވެރިޔާ ވިލް ކެތްކާޓް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން "ސްޕައިވެއާ އުފައްދާ އެންއެސްއޯ އަށް ވަޓްސްއެޕް އަދި މެޓާގެ އެހެނިހެން ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކަށް ޖާސޫސް ކުރުން މަނާކުރެވޭނެ ކަމަށެވެ. "ސިވިލް ސޮސައިޓީގެ މެންބަރުންނަށް ޖާސޫސީ އަމަލުތައް އަމާޒުކުރުމާ ގުޅިގެން އެންއެސްއޯ ޖަވާބުދާރީ ކުރުވުމަށް ހަ އަހަރު ދިގު ދައުވާއަކަށްފަހު މި ނިންމުމަށް އަޅުގަނޑުމެން ތަރުހީބުދެން،" ކެތްކާޓް ވިދާޅުވިއެވެ. ޝަރީޢަތައް ހުށަހެޅި ހެކިތަކުން އެނގޭގޮތުގައި އެންއެސްއޯ ގްރޫޕުން ވަނީ ވަޓްސްއެޕްގެ ކޯޑް ރިވާސް އިންޖިނިއާކޮށް، ބޭނުންކުރާ ފަރާތްތަކަށް ސިއްރުން ޔޫޒަރުންގެ ޑިވައިސްތަކަށް ސްޕައިވެއާ އިންސްޓޯލްކޮށްފައެވެ. މިފަދަ ގޮތަކަށް ޔޫޒަރުންގެ މަޢުލޫމާތު ހޯދުމަކީ "ޣައިރު ޤާނޫނީ" ކަމެއްކަމަށް މި ޙުކުމުގައި ބުނެފައިވެއެވެ. ކޯޓުން ނިންމިގޮތުގައި، މި ސްޕައިވެއާ ވަނީ ޔޫޒަރުންނަށް އޮޅުވާލައި، ވަޓްސްއެޕްގެ ސެކިއުރިޓީ ފިކްސްތައް ބައިޕާސްކުރުމަށް ތަކުރާރުކޮށް ރީ ޑިޒައިންކޮށްފައެވެ. 2019 ގެ ފަހުކޮޅު ހުށަހެޅުނު މި މައްސަލައިގައި، އެންއެސްއޯ ގްރޫޕުން ނޫސްވެރިންނާއި، ވަކީލުންނާއި، އިންސާނީ ޙައްޤުތަކުގެ ޙަރަކާތްތެރިންނާއި އަދި އެހެނިހެން ފަރާތްތަކަށް އެންކްރިޕްޓްކޮށްފައިވާ މެސެޖިން ސާވިސް މެދުވެރިކޮށް ޖާސޫސްކުރިކަން ސާބިތުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ