ހަންކެޑެ ކުއްޔަށް ދޭން އުޅެނީ ނުބައި ބޮޑުމިނެއް ޖަހައިގެން، ނުއަގުގައި ހަންކެޑެ ކުއްޔަށް ދޭން އުޅެނީ ނުބައި ބޮޑުމިނެއް ޖަހައިގެން، ނުއަގުގައި

އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ކުއްޔަށް ދޭން އިއުލާންކޮށްފައިވާ އައްޑޫ ހަންކެޑެގެ ލީސް އެކުއިޒިޝަން ކޮސްޓު ހިސާބުކޮށްފައި ވަނީ ގޯސްކޮށް ކަން އަދަދު އަށް އެނގިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ހަންކެޑެގެ ސައިޒަކީ 7.06 ހެކްޓަރު ކަަމަށެވެ. ނަމަވެސް މިއީ ހަންކެޑެ ބިން ހިއްކައި، ބޮޑު ކުރުމުގެ ކުރިން އެ ރަށުގެ ސައިޒެވެ.
އެމްޑީޕީ ސަރުކާރުގައި އައްޑޫގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށަށް ވަނީ 4.7 ހެކްޓަރު ވަނީ އިތުރުކޮށްފަ އެވެ. މިހެންކަމުން މިހާރު މި ރަށުގެ ސައިޒަކީ 13.7 ހެކްޓަރެވެ. މިކަމަށް ސެޓެލައިޓް ފޮޓޯތަކުން ބާރުދެ އެވެ.
މިހާރުގެ ސައިޒުގައި މި ރަށް ކުއްޔަށް ދޭން އިއުލާން ކުރުމުން, އެކުއިއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކަން ޖެހެނީ 529,500 ޑޮލަރެވެ. ހަންކެޑެގެ އަސްލު ސައިޒުން ހިސާބުކުރާނަމަ އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރު (1,032,000 ޑޮލަރު) އަށް ވުރެ އިތުރެވެ. ގާނޫނުގައި ބުނާ ގޮތުން މި ރަށް ކުއްޔަށް ދޭން ޖެހޭނީ މި އަގަށެވެ.
ހަންކެޑެ ބިން ހިއްކި ފަހުންނާއި ބިން ހިއްކުމުގެ ކުރިން: ހަންކެޑެގެ އަސްލު ސައިޒަކީ 13 ހެކްޓަރު --- ފޮޓޯ: ގޫގުލް އާތު އާއި އެމްއެފްއެމްސީ
ހަންކެޑެ ނުއަގުގައި ދޭން މަސައްކަތް ކުރުމުގެ އިތުރުން، މަޝްރޫއުގެ ސްކޯޕް ވެސް ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ. ކުރިން ހަންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރަން ޕްލޭން ކުރި ނަމަވެސް، މި ފަހަރު އެ ރަށް ކުއްޔަށް ދޭން ހުޅުވާލީ 500 ކޮޓަރި (1000 އެނދު) ތަރައްގީކުރާ ގޮތަށެވެ.
ހަންކެޑެ ކުއްޔަށް ދޭން ސަރުކާރުން އިއުލާނު ކުރީ، މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެން ހިންގަން އުޅުނު އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ހުއްޓާލުމަށް ފަހުގަ އެވެ.
މި ސަރުކާރުން ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ފަހު އިފްތިތާހުކުރި މި ޕްރޮޖެކްޓު ހުއްޓާލި ރަސްމީ ސަބަބެއް މިއަދާ ހަމައަށް ވެސް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް ޕްރޮޖެކްޓު ހުއްޓާލީ ފައިސާގެ އެއްވެސް ދަތިކަމެއް އޮވެގެން ނޫން ކަން ވެސް އިތުބާރު ހުރި މަސްދަރުތަކުން ވަނީ އަދަދު އަށް ކަށަވަރުކުރެވިފަ އެވެ.
އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ބާތިލުކުރުމަށްފަހު، ހަންކެޑެ ހާއްސަ ކުރީ ހަލާލު ޓޫރިޒަމަށެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އަލުން މި ވަނީ އިންޓްގްރޭޓަޑް މޮޑެލްއަށް ބަޔަކަށް ދޭން ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ