ލާމުގައި އެއާޕޯޓް އަޅާނެ ތަނެއް މުއިއްޒަށް އަދިވެސް ނޭނގޭ ލާމުގައި އެއާޕޯޓް އަޅާނެ ތަނެއް މުއިއްޒަށް އަދިވެސް ނޭނގޭ

ސަރުކާރަށް ދެ އަހަރު ފުރެން ގާތްވަމުންދާއިރު ވެސް ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ތަނެއް ރައީސް މުހައްމަދު މުއިއްޒުއަށް ވިދާޅެއް ނުވެވުނެވެ.
ލ. އަތޮޅަށް ކުރައްވާ ދަތުރުގައި މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މިވަގުތު ދެވަނަ އެއާޕޯޓާ އަޅާނެ ތަނަކާ ގުޅޭ ގޮތުން ދެވެން އޮތް ޔަގީންކަމަކީ އެއާޕޯޓު އަޅާނީ ދުރު ރާސްތާއަށް ވެސް ވިސްނައިގެން އިގްތިސާދީ ގޮތުން ވެސް ދެމެހެއްޓިނިވި ތަރައްގީއެއް ހާސިލްވާ ގޮތަށް ކަމަށެވެ.
"މިއަދު އަޅުގަނޑު ދޭނެ ޔަގީންކަމަކީ. އެއީ ވަރަށް މުހިންމު ޔަގީންކަމެއް. މި އަތޮޅަށް ދެން އަންނަން ޖެހޭ އެއާޕޯޓް އަންނަން ޖެހޭނީ ދުރު ރާސްތާއަށް ވެސް ވިސްނާއިރު އިގްތިސާދީ ގޮތުން ވެސް ދެމެހެއްޓިނިވި ތަރައްގީއެއް ހާސިލުވާނެ ގޮތަކަށޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުން ހުރީ ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރެވެން އޮތް އަދި ޖިއޮގްރަފިކަލް ގޮތުން ބަލާއިރު ވެސް އެއާޕޯޓު އޮންނަން ޖެހޭ ތަނުގައި ކަމަށެވެ.
"ޓޫރިޒަމް ކުރިއެރުވުމަށް ބަލާއިރުގައި ވެސް އެންމެ ރަނގަޅު ގޮތުގައި ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރެވެން އޮތް ހިސާބެއްގައި އޮތް ރަށެއް ކައިރީގައި އެއާޕޯޓް އަޅަންޖެހޭނީ. އަދި ޖިއޮގްރަފިކަލީ ބަލާއިރުގައި ވެސް އެންމެ އެއާޕޯޓެއް އޮންނަން ޖެހޭނެ ރަށެއްގައި އެއާޕޯޓް އަޅަންޖެހޭނީ. އެހެންވީމަ މިގޮތަށް އަޅުގަނޑު މިވިސްނަނީ،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ލ. އަތޮޅުގައި ނުނިންމާ އޮތް ހަމައެކަނި ކަމަކީ ދެވަނަ އެއާޕޯޓެއް އަޅަން ނިންމާފައި އޮތް ތަން ކަމަށާއި އެކަން ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ރައްޔިތުންނަށް ފައިދާވާ ތަނެއްގައި ކަމަށެވެ.
ކޮންމެ ރަށަކުން 20-30 މިނެޓުން ދެވޭނެ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރާއްޖޭގެ މައި ދެ ސިޔާސީ ފިކުރުން ވެސް ވެރިކަމަށް އައުމަށް ވި ވައުދެކެވެ. އެމްޑީޕީ ސަރުކާރުން ވެސް ގިނަ އެއާޕޯޓުތަކެއް ތަރައްގީ ކުރަން ފެށިއިރު މި ސަރުކާރުން ވެސް އެ ސިޔާސަތު ބަދަލުކުރުމެއް ނެތި އަންނަނީ ތަންފީޒު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ