ރާއްޖެ ހަލާކުކުރަނީ މަޖިލިސް މެމްބަރުން: ޔާމީން

ރާއްޖެ ހަލާކުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" އާއި ގުޅޭގޮތުން ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މަސްއޫލިއްޔަތު އެންމެ އަދާނުކުރާ މީހުން ކަމަށާއި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ މަޖިލިސް މެމްބަރުން ދަނީ ރާއްޖެ ހަލާކުކުރަމުން ކަމަށެވެ.
މަޖިލިސް މެމްބަރުން ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިހާ ކަމެއް ކުރައްވަމުން ކަމަށާއި މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ދެވަނަ ދައުރަކަށް ވޯޓު ދޭނެ ރައްޔިތަކު ނޫޅޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ހަމަ ރައްޔިތުންގެ މަޖިލިސް މެމްބަރުން މިތަން ހަލާކުކުރާ ބަޔަކީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މީޑިއާ ބިލެއް ގެންނަން އުޅެނީ ސަރުކާރާއި މަޖިލިސް މެމްބަރުންނަށް ރައްދުވާ ކަންކަމަށް ޖަވާބުދާރީނުވެވޭތީ މީޑިއާތަކުގައި ތަޅު އަަޅުވަން ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކުން މަޖިލިސް މެމްބަރުންނަށް ދިފާއުވެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި އެގޮތުން މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް އާންމުކުރިއިރު ވެސް ދެކޮޅުޖެހޭ ހިސާބެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެތާ ނެތޭ ދެކޮޅު ޖެހޭ ހިސާބެއް. މި މީހުންނަށް މި އުޅެނީ އުނުއަންނަން ވެސް ނޭނގިގެން އައުރަނިވާވާ ވަރަށް،" ޔާމީން ވިދާޅުވި އެވެ.
މަޖިލީހުގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ ބައެއް އިސްލާހުތަކާއެކު މި ބިލު ފާސްކޮށްފަ އެވެ. އަދި މި ބިލު ފާސްކުރަން ދައުރުން ބޭރު ޖަލްސާއެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ