ހިތްދަތި ތަޖުރިބާއިން ހިތްވަރު ހޯދައި އާސެނަލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ހިތްދަތި ތަޖުރިބާއިން ހިތްވަރު ހޯދައި އާސެނަލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލުން އުންމީދީ ކުޅުމެއް ދައްކައި، ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިގެން ދިއުމުގެ ތަޖުރިބާއިން ހިތްވަރު ހޯދައި، މި ފަހަރުގެ މުބާރާތް ކާމިޔާބުކުރެވިދާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ރެއާލް މެޑްރިޑް ބަލިކުރުމަށް ފަހު، ސެމީ ފައިނަލަށް ދަތުުރުކުރި އާސެނަލް މުބާރާތުން ކެޓީ ޗެމްޕިއަންކަން ހޯދި ޕީއެސްޖީ އަތުންނެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އާސެނަލުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ އެތުލެޓިކް ބިލްބާއޯއާ ކުޅޭނެ އެވެ.
ބިލްބާއޯ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ ބުނީ، މިދިޔަ ސީޒަނުގައި އާސެނަލުން ޗެމްޕިއަންސް ލީގުގައި ދެއްކި ކުޅުމާއި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، އެ ޓީމުގެ ސަޕޯޓަރުން މި މުބާރާތުގައި ހާސިލްކުރަން ބޭނުންވާ ކަންކަން މަތިވެފައިވާ ކަމަށެެވެ.
"އަހަރެމެންނާ މެދު ދެކޭގޮތް ތަފާތުވެއްޖެ، އަހަރެމެންނާ މެދު ކުރެވޭ އުންމީދު ބޮޑުވެއްޖެ، މިދިޔަ ސީޒަނުގައި އަހަރެމެން ކެޓި ގޮތުގެ ހިތި ހަނދާންތައް އެބަހުރި، ރަނގަޅު ގޮތުގައި އޭގެ ބޭނުންހިފައި، އެ ތަޖުރިބާތަކުން އަހަރެމެންނަށް ކާމިޔާބު ހޯދިދާނެ،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނަމަ، އާސެނަލުން ކުރަން ޖެހޭ ކަންކަން ވެސް މިހާރު އޭނާ އަށް ސާފުވެފައިވާ ކަމަށާއި މި ފަހަރުގެ ޓްރާންސްފާގައި ޓީމު ވަރުގަދަކުރިއިރު، އެ ހުރިހާ ކަމަކަށް ހާއްސަކަމެއް ދީފައިވާނެ ކަމަށެވެ.
އާޓެޓާ ހަވާލުވި ސީޒަން، 2020 ގެ ފަހުން އަދި އާސެނަލުން ތަށްޓެއް ހޯދާފައިނުވާއިރު، އެ ކްލަބުން މިހާތަނަށް ތާރީހުގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިނުވެ އެވެ. ޗެމްޕިއަންސް ލީގުގެ ތަށި ހޯދަން އާސެނަލުން އެންމެ ގާތަށް ދިޔަ ފަހަރު، 2006 ވަނަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އަތުން ވީ ބައްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ