އެއް މަސް ވީއިރު ވެސް، ޑޮމެސްޓިކް ޓިކެޓް އަގުހެޔޮ ކުރުމާ ގުޅޭ ގޮތުން އަމީން ޖަވާބެއް ނުދެއްވި

މަސްދުވަސް ފާއިތުވިއިރު ވެސް އެތެރޭގެ ވައިގެ ދަތުރުފަތުރު އަގުހެޔޮކުރުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޖަވާބެއް ނުދެއްވިއެވެ. މިދިޔަ އޮގަސްޓް މަހުގެ 10ވަނަ ދުވަހު 'ސަން'އިން ވަނީ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރަން މިހާތަނަށް ކުރި މަސައްކަތާއި، ކަމާބެހޭ ކިތައް ފަރާތާ މަޝްވަރާކުރިތޯ މިނިސްޓަރާ ސުވާލުކޮށްފައެވެ. އޭގެ އިތުރުން ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމުގައި ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތާއި، ވައިގެ ދަތުރުފަތުރު އަގުހެޔޮވާން ނަގާނެ މުއްދަތާ ގުޅޭގޮތުން ވެސް ސުވާލުކޮށްފައިވާނެއެވެ. އެއާ ޖެހިގެން އައި ދުވަހު އަމީން ވަނީ ބުދަ ދުވަސް ކަމަށްވާ އެ މަހުގެ 13ވަނަ ދުވަހު ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން މި މަހުގެ ފުރަތަމަ ދުވަހު ވެސް، ޗައިނާއަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މި މަހުގެ ފަސްވަނަ ދުވަހުގެ ފަހުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، މިވީހާ ތަނަކަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެހެންވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ މެދުވެރިކޮށް ވެސް ސުވާލުތަކަށް ޖަވާބު ހޯދަން ކުރި މަސައްކަތުން އެ މިނިސްޓްރީގެ މީޑިއާގެ ފަރާތުން ވެސް ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. https://sun.mv/207756 ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގުތައް (މާލޭން ކުރާ ވަން ވޭ ދަތުރުތަކަށް): ބ. ދަރަވަންދޫ: 749 ރުފިޔާ ގދ. ފަރެސްމާތޮޑާ: 1،628 ރުފިޔާ ހއ، ހޯރަފުށި، ހދ. ހަނިމާދޫ، ށ. ފުނަދޫ، ތ. ތިމަރަފުށި، ލ. ކައްދޫ: 1،464 ރުފިޔާ ފުވައްމުލަކު: 1،653 ރުފިޔާ އައްޑޫ ގަން: 1،687 ރުފިޔާ ގއ. ކޫއްޑޫ: 1،111 ރުފިޔާ ރ. އިފުރު، މ. މުލި: 999 ރުފިޔާ ގދ. ކާޑެއްދޫ: 1،693 ރުފިޔާ ޅ. މަޑިވަރު: 949 ރުފިޔާ ނ. މާފަރު 1،377 ރުފިޔާ ގދ. މާވަރުލު، 1،574 ރުފިޔާ މީގެ ކުރިން އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި އެތެރޭގެ އުދުހުންތަކުގެ އަގާ ގުޅޭ ގޮތުން ސުވާލުކުރުމުން އައިލެންޑް އޭވިއޭޝަން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ, ދުނިޔޭގެ އެހެން ހުރިހާ ގައުމަކާ އަޅާބަލާއިރު ރާއްޖޭގައި ޖެޓް ފިއުލްގެ އަގުބޮޑު ކަމަށާއި، ރާއްޖޭގެ އުދުހުންތަކުގެ އަގުތައް ހެޔޮނުކުރެވޭ ސަބަބަކީ އެއީ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުނިން ޖެޓްފިއުލް ގަންނަމުން އަންނަނީ 19 ރުފިޔާއަށްވުރެ އަގުބޮޑުކޮށް ކަމަށެވެ. އެއީ، ހަމައެކަނި ތެލަށް ބަލާއިރު ވެސް މުޅި ދަތުރު ޚަރަދުގެ 40 ނުވަތަ 50 ޕަސެންޓު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ޚަރަދުތައް ހުރި ގޮތުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށް ބަލާއިރު ގިނަ ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ސަލީމް އޭރު ވިދާޅުވީ، ކުންފުނިން ތެލަށް ކުރާ ހަރަދާއި ދިގު މުއްދަތަށް ދައްކަންޖެހޭ ލޯނުތައް ދައްކައި މަހެއްގެ މައްޗަށް ނުވަތަ ދުވަހުން ދުވަހަށް ހިނގާ ޚަރަދުތަކަށް ބަލާއިރު ޓިކެޓުގެ އަގު މިހާރު ހުރީ ކުންފުންޏަށް ކިރިޔާ ކަތާވަރުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ