މާޒިޔާއިން ހަވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި، އެއްބައި ހަދިޔާކުރާނީ ލޯފަން މީހުންގެ ޖަމިއްޔާއަށް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު މާޒިޔާއިން ހަވަނަ ފަހަރަށް ކާމިޔާބުކޮށް ޝީލްޑް އުފުލާލައިފިއެވެ. ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމާއެކު މާޒިޔާއަށް ލިބުނު އެއް ލައްކަ ރުފިޔާގެ އިނާމު ފައިސާގެ ތެރެއިން ވަކި އިންސައްތައެއް އެ ކުލަބުން ވަނީ ލޯފަން މީހުންގެ ޖަމިއްޔާ ކަމަށްވާ ބީވީއައިއެސްއެމްއަށް ހަދިޔާކުރަން ނިންމާފައެވެ. މާޒިޔާއިން ހަވަނަ ޝީލްޑް އުފުލާލީ ރޭ ކުލަބު އީގަލްސްއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެެ. ޝީލްޑް އެންމެ ގިނަ ފަހަރު އުފުލާލުމުގެ ރިކޯޑް އޮތީ ވެސް އެ ޓީމު އަތުގައެވެ. އެ ޓީމުން ވަނީ، 2015، 2016، 2017، 2021، 2023 އަދި 2025 ގައި ޝީލްޑް ކާމިޔާބުކޮށްފައެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އަހުމަދު އައިހަމް ވައްދާލި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ. މާޒިޔާއިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފޮޓޯ: ކުޅިވަރު ވުޒާރާ މެޗުގެ 66 ވަނަ މިނެޓުގައި މާޒިޔާގެ ލީޑު ފުޅާކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ދާދު ވަނީ ޤައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ލަނޑުޖަހާފައެވެ. މި މެޗަކީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން އީގަލްސްގެ ސީނިއާ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މާޒިޔާ ވަނީ މިދިޔަ މެއި މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގު ކަޕްގައި ކުޅެ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މެޗަށްފަހު އަންނަ ހުކުރު ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ