މެދުއިރުމައްޗަށް އިސްރާއީލުން ދޭ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަރަބި ލީޑަރުން ގޮވާލައްވައިފި

އިސްރާއީލުން ގަތަރަށް ދިން ހަމަލާ ހަމަލާގެ ސަބަބުން އެ ސަރަހައްދަށް ނުރައްކާވެފައިވާ ކަމަށާއި އެ ފަދަ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަރަބި ލީޑަރުން ގޮވާލައްވައިފިއެވެ. ލީޑަރުން އެގޮތަށް ގޮވާލެއްވީ އިސްރާއީލުން މިދިޔަ ހަފްތާ ގަތަރަށް ދިން ހަމަލާއާ ގުޅިގެން ދޯހާގައި ބޭއްވި ކުއްލި އަރަބި އިސްލާމިކް ސަމިޓުގައެވެ. ގަތަރުގެ ރަސްމީ ނޫސް އެޖެންސީ ކިއުއެންއޭ އިން ޝާއިއުކުރި އެންމެ ފަހުގެ ބަޔާނުގައި ވަނީ ދޯހާއަށް ދިން ހަމަލާތައް ކުށްވެރިކޮށް، ލީޑަރުން ތިބީ ގަތަރާ އެކުގައި ކަމަށް ބުނެފައެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން އެ ސަރަހައްދުގައި ސުލްހަ ގާއިމު ކުރުމަށް ފުރުސަތު ނުލިބޭ ކަމަށް ވެސް ލީޑަރުން ވަނީ ވިދާޅުވެފައެވެ. ސަމިޓުގައި ބައިވެރިވި ލީޑަރުން ފާހަގަކުރެއްވި ގޮތުގައި މެދުއިރުމަތީގައި އިންސާފުވެރި، ފުރިހަމަ އަދި ދެމިއޮންނަ ސުލްހައެއް ގާއިމު ކުރެވޭނީ ފަލަސްތީނުގެ މައްސަލަ ދޫކޮށް ނުވަތަ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަޅާނުލާ، ނުވަތަ ސުލްހައަށް މަސައްކަތްކޮށްދޭ މެދުވެރިންނަށް ހަމަލާ އަމާޒުކޮށްގެން ނޫން ކަމަށެވެ. އިސްރާއީލުން ޣައްޒާ ހިފާފައި އޮތް އޮތުން ނިމުމަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައު ހާއްސަކޮށް އދ ގެ ސަލާމަތީ މަޖިލީހުގެ ގާނޫނީ އަދި އަޚްލާގީ ޒިންމާތައް ނެގުމަށް ވެސް ލީޑަރުން ވަނީ ގޮވާލައްވައިފައެވެ. އަދި ޣައްޒާއަށް ދިން ހަމަލާ ހުއްޓުވުމަށް ގަތަރާއި މިސްރާއި އެމެރިކާ އިސްވެ އޮވެގެން ކުރަމުންދާ މަސައްކަތްތަކަށް ތާއީދު ކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަރަބި އިސްލާމީ ކުއްލި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/ރޮއިޓާސް ފަލަސްތީނުގެ ސަރަހައްދުތަކުގެ ބައެއް ހިފުމަށް އިސްރާއީލުން ކުރާ ކޮންމެ ކަމަކުން ހިތި ނަތީޖާ ނުކުމެދާނެ ކަމަށާއި އެފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަރާރުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުމާއި، ފަލަސްތީނުގެ ރައްޔިތުންގެ ތާރީހީ އަދި ގާނޫނީ ހައްގުތަކަށް އަރައިގަތުންކަމަށްވެސް ސަމިޓުގެ ލީޑަރުން ގޮވާލެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ކުރިއަށް ގެންދިއުން ހުއްޓުވުމަށް ގާނޫނީ އަދި ސިޔާސީ ގޮތުން ފައިދާހުރި ފިޔަވަޅުތައް އެޅުމަށް ހުރިހާ ގައުމުތަކަށްވެސް ސަމިޓުން ވަނީ ގޮވާލައްވާފައެވެ. އަދި ޣައްޒާގެ ނަސްލު ނައްތާލުމުގެ މައްސަލައިގައި ބައިނަލްއަގްވާމީ ކޯޓުން މިދިޔަ އަހަރު މަހު އަމުރުކުރި ފިޔަވަޅުތަކަށް އިސްރާއީލުން އަމަލުކުރާކަން ކަށަވަރުކުރުމަށް ޑިޕްލޮމެޓިކް، ސިޔާސީ އަދި ގާނޫނީ މަސައްކަތްތަކެއް ކުރުމަށްވެސް ސަމިޓްގެ ލީޑަރުން އިލްތިމާސްކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ