ބްރެޒިލްގައި ލީގު ފުޓްބޯޅަ ކުޅުނަސް ސައުލް ސްޕެއިން ޓީމަށް ކުޅުމުގެ ވިސްނުން ގެންގުޅޭ ބްރެޒިލްގައި ލީގު ފުޓްބޯޅަ ކުޅުނަސް ސައުލް ސްޕެއިން ޓީމަށް ކުޅުމުގެ ވިސްނުން ގެންގުޅޭ

ސައޮ ޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 16) - ބްރެޒިލްގެ ކްލަބް ފްލަމެންގޯ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ސައުލް ނިގޭޒް، ސްޕެއިން ގައުމީ ޓީމަށް ކުޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ސައުލް، މިދިޔަ ޖުލައި މަހު، ފްލަމެންގޯ އަށް 2028ގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ސޮއިކުރީ، އެތުލެޓިކޯ މެޑްރިޑާ އެކު އޮތް އެއްބަސްވުން އެ ކްލަބުން އުވާލަން ނިންމުމުންނެވެ.
ސްޕެއިންގެ ހަ އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފައިވާ ސައުލް ވަނީ ސްޕެއިންގެ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. ސްޕެއިންގެ އުމުރުފުރާ ޓީމުތަކަށް ސައުލް ކުޅުނުއިރު، މިހާރު ސީނިއާ ޓީމުގައި ހުރި ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ މަަސައްކަތްކުރަމުން އައީ، ޖޫނިއާ ޓީމުތަކުގަ އެވެ.
"ތެދެއް އަހަރެން ޝައުވެރިވޭ ގައުމީ ޓީމަށް އަލުން ކުޅެން، އެކަމަކު، ހުރިހާ ފޯކަސް އެއް އެކަމަށް ބަހައްޓައިގެން ނޫޅެން. ސްޕެއިންގެ ކޯޗު (ޑެ ލަ ފުއެންޓޭ) އަހަރެން ޓީމަށް ނަގަން ބޭނުންނަމަ ޔަގީނުން ވެސް ދާނަން،" މީގެ ހަތް އަހަރު ކުރިން ސްޕެއިނަށް މެޗެއް ކުޅެދިން ސައުލް ބުންޏެވެ.
އެތުލެޓިކޯގެ ކޮންޓްރެކްޓްގައި ހުރެ ރަޔޯ ވަޔެކާނޯ، ޗެލްސީ އަދި ސެވިއްޔާ އަށް ވެސް ކުޅެފައިވާ ސައުލް ވަނީ ސްޕެއިނާ އެކު 19 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ