މިޔަންމާ އަތުން ބަލިވެ ކެޓިޔަސް ރާއްޖޭން ހިތްވަރު ދައްކައިފި

އޭޝިއަން ކަޕް ކޮލިފައިންގައި ދުނިޔޭގެ ރޭންކިން 56 ވަނައިގައި އޮތް މިޔަންމާ އަތުން ބަލިވެ, މުބާރާތުން ކެޓިނަމަވެސް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ވަރަށް ހިތްވަރުކޮށްފިއެވެ. ޖުމްލަ ދެ މެޗު ރާއްޖެއިން ކުޅުނުއިރު ފުރަތަމަ މެޗުގައި ދުނިޔޭގެ ރޭންކިންގެ 33 ވަނައިގައި އޮތް އަފްގާނިސްތާނު އަތުން ބަލިވީ 10-1 އިންނެވެ. އެ ގައުމަކީ އެންމެ ފަހުގެ އޭޝިއަން ކަޕުގެ ހަތަރުވަނައެވެ. އޭޝިއާގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނޭ މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވީ 7-3ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ތިން ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު)، އަލީ ޝިޔާހު (ޝިޔަޅޭ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެފަހުން މި ކޮލިފައިންގައި ވާދަކުރީ 2023 ގައެވެ. އެފަހަރު ރާއްޖެ ވަނީ ދުނިޔޭގެ ފުޓްސަލްގެ ގަދަބާރު އީރާން އަތުން 18-2 އިން ބަލިވެފައެވެ. އަދި ލުބުނާން އަތުން 6-1 އިން ބަލިވިއިރު، ކިރްގިސްތާނު އަތުން 8-3 އިން ބަލިވެފައެވެ. ފުޓްސަލް ކުޅޭނެ އެކަށީގެންވާ ތަނެއް ރާއްޖޭގައި ނެތެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ފުޓްސަލް ކުޅެނީ އިންޑޯގައެވެ. ނަމަވެސް ރާއްޖޭގައި ކުޅެނީ އިންޑޯއަށްވުރެ ހާސްބައި ތަފާތު އާޓިފިޝަލް ޓާފުގައެވެ. ސަރުކާރުން އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއް އަޅަން ނިންމި ނަމަވެސް އެތަނުގެ މަސައްކަތެއް އަދިވެސް ފެށޭގޮތެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ