ނުކުޅެދުންތެރިކަން ހުންނަ ކުދިން ގަވައިދުން ކާން ޖެހޭ ބޭހެއް ކަމުގައިވާ، 'ތައިރަނޯމް' ބޭހަށް، އާސަންދަ ލިބުނު ނަމަވެސް ތިން ބޭސް ފިހާރައިން އެއަށް ބޮޑު އަގުނެގިކަން ފަޅާ އަރައިފި އެވެ.
ވީ ކިހިނެއް؟- މެޑިކަލް އޮފިސަރު، ޑރ. އަބްދުލްއަޒީޒް ހަމީދު މިއަދު ވަނީ، އޭނާގެ ހަ އަހަރަށް ދާ، ޑައުންސިންޑްރޯމް އާއި އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ދަރިފުޅު ގަވައިދުން ކާން ޖެހޭ މި ބޭސް އާސަންދައިން ލިބެން ނެތުމުން އެކަމާ ސޯޝަލް މީޑިއާގައި ޝަކުވާ ކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބޭސް ލިބޭތޯ އެންމެ ފުރަތަމަ ބެލީ، އެސްޓީއޯ ހެންވާރު ފާމަސީއިންނެވެ. އެތަނުން ލިބެން ނެތުމުން އޭޑީކޭ ހޮސްޕިޓަލް ކައިރީ ހުރި ދެތިން ބޭސް ފިހާރައެއް ބެއްލެވި ކަމަށާއި އެތަނުން އެއްތަނުން، 90 ރުފިޔާއަށް ބޭސް ލިބިވަޑައިގެން ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ބޭހަށް އާސަންދަ ނުލިބޭ ކަމަށް، ބޭސްފިހާރައާ ހަވާލާދީ އަޒީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
އެއް ފުޅިން ތިން މަހަށް ނުފުދޭތީ، އިތުރު ތަންތަން ބެއްލެވި އިރު ދެ ތަނަކުން ބޭސް ލިބެން ހުރި
އެއް ތަނުން އަގުގެ ގޮތުގައި 195 ނަގަން ބުނި އިރު، އަނެއް ތަނުން 240 ރުފިޔާ އަރާ ކަމަށް ބުނި
މި ދެތަނުން ވެސް، އެ ބޭހަށް އާސަންދަ ނުލިބޭ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވި
"މިއީ ވަރަށް ދެރަވަރު ކަންކަން،" އަޒީޒް ފޭސްބުކްގައި ލިޔުއްވި އެވެ.
މި ޕޯސްޓް ވައިރަލް ވުމާއެކު އާސަންދަ ކުންފުނިން ވަނީ މިއީ ދޮގެއް ކަމަށް ބުނެފަ އެވެ.
އެތަނުން ބުނީ 'ތައިރަނޯމް 25 މައިކްރޯގްރާމް' އަކީ އާސަންދަ ސްކީމްގެ ތެރެއިން ދޭ ބޭހެއް ކަމަށާއި ސްކީމްގެ ތެރެއިން މި ބޭސް ގިނަ ބޭސް ފިހާރަތަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެއާ ހިލާފަށް، އާސަންދައިގެ ތެރެއިން ބޭސް ފޯރުކޮށް ނުދޭ ނަމަ، ޝަކުވާ ހުށަހެޅުމަށް އިންނަ ޕޯޓަލް، 'ޝިކާވަތި'އަށް ރިޕޯޓު ކުރުމަށް އެތަނުން އެދިފައި ވެ އެވެ.
އެނގުން މުހިއްމު- ބައެއް ބޭސް ފިހާރަތަކުން އޮޅުވާލައިގެން އާސަންދަ ނުލިބޭ ކަމަށް ބުނެ، ބޭސް ވިއްކާކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ބޭސް ފިހާރަތަކުގައި ހުންނަ ބޭސް، އާސަންދައިން ދޫނުކޮށް އެ ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އާސަންދައިން ލިބެން ހުރި ބޭހެއް؛ 3 ފިހާރައިން ވެސް ވިއްކީ ބޮޑު އަގުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ