11 ނޮވެމްބަރުން ފެށިގެން ޑެބިޓް ކާޑުން ޑޮލަރު ކެނޑޭ މިންވަރު 1،000އަށް މަތިކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ މިންވަރު 1،000 ޑޮލަރަށް މަތިކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- މ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިރޭ މ. މުލީގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވަނީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް މިހާރު ސަރުކާރުން ކުރަމުންގެންދާ ގިނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ.
ބުނީ ކީކޭ؟ - ރައީސް އިއުލާން ކުރެއްވި އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭން ބޭރުގައި ޑެބިޓް ކާޑުތަކުން ކެނޑޭ 500 ޑޮލަރުގެ މިންވަރު 1،000 ޑޮލަރަށް މަތި ކުރުމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެކަން ރަސްމީކޮށް ފެށިގެން ދާނީ އަންނަ 11 ނޮވެމްބަރުގައި ފާހަގަ ކުރާ ބޭންކުގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
އެ ތާރީހުގައި ތައާރަފް ކުރާ އިތުރު ހިދުމަތްތަކެއް ވެސް އެ މަނިކުފާނު އިއުލާން ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެއާލައިންތަކުން ޓިކެޓް ނެގުމާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް މަތިކުރުން
ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާއަށް ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ދެއްކޭނެ ގޮތް ހަމަޖެހުން
ރައީސް ވިދާޅުވި ގޮތުގައި، މި ހިދުމަތްތަކުގެ ސަބަބުން، މިހާރު ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ އަޅުވެތިކަމުން އަރައިގަނެވޭނެ އެވެ.
އޭގެ އިތުރުން ދެން ރައީސް އިއުލާން ކުރެއްވި އަނެއް ކަމަކީ ޗައިނާ ފައިސާއިން ބީއެމްއެލްގައި އެކައުންޓު ހުޅުވޭނެ ގޮތް ހަމަޖެއްސުމެވެ. އަދި އަންނަ ޖެނުއަރީން ފެށިގެން، ޗައިނާގެ ފައިސާގެ އެކައުންޓުތަކަށް ހާއްސަކޮށްގެން، ދުނިޔޭގެ 180އަށް ވުރެ ގިނަ ގައުމުތަކުގައި ބޭނުން ކުރާ ޔޫނިއަން ޕޭ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭގައި ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ހަމަ މިކަން، އިންޑިއަން ރުޕީސްއިން ހަމަޖެއްސުމަށް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ ޑޮލަރުގެ އިތުރުން އެންމެ ގިނަ ދިވެހިން ވިޔަފާރި ކުރާ ފައިސާ ކަމަށްވާތީ، މިކަމުން ޑޮލަރުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ