ކުޑަރިކިއްޔާއި ދޮންފަނު އެއްވަރު، ދަރަވަންދޫގެ ފެށުން ރަނގަޅު
މާޅޮސްމަޑުލު ދެކުނުބުރީގެ ހަތަރު ރަށަކަށް ހުޅުވާލައިގެން ފެށި 16 އަހަރުން ދަށުގެ މުބާރާތް "ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2025" ގައި ބ. ކުޑަރިކިއްޔާއި ބ. ދޮންފަނަށް ހަމަހަމަ ނިމުމެއް ލިބުނުއިރު، އެ އަތޮޅު މާޅޮސް ބަލިކޮށް ދަރަވަންދޫން ފެށުން ރަނގަޅުކޮށްފިއެވެ. މި މުބާރާތަކީ މި އަހަރު ފާހަގަކުރަމުންދާ "މަގޭ ދަރަވަންދޫ ވިޒިޓް އިޔާ 2025" އާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިންތިޒާމުކުރާ މުބާރާތެކެވެ. އެ މުބާރާތުގައި އިއްޔެ ކުޑަރިކިލާއި ދޮންފަނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ދޮންފަނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހަތުން އަރައި ކާމިޔާބުކުރި ދެ ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނުގެ ހުސެއިން ޒިޔާން އަޙްމަދު ސައްތާރެވެ. ދަރަވަންދޫން ފުރަތަމަ މޮޅު ހޯދި މެޗުގައި، ފުރަތަމަ ހާފު ނިމުނީ 3-1 އިން އެ ޓީމު ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަަމަވިއިރު، ދަރަވަންދޫން މެޗު ކާމިޔާބުކޮށްފައިވަނީ 7-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫގެ ކެޕްޓަން އިސްމާޢީލް ނާޒިލް ނަޒީފެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 15،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި ފުޓްސަލް ކިންގަށްވަނީ 1،000 ރުފިޔާ ހުށަހަޅާފައެވެ. ޖުމްލަ ހަތަރު ރަށަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށްދާއިރު އެ ރަށްތަކަކީ މުބާރާތް ބާއްވާ ދަރަވަންދޫގެ އިތުރުން ކުޑަރިކިއްޔާއި މާޅޮހާއި ދޮންފަނެވެ. އެ މުބާރާތުގައި އަންގާރަ ދުވަހު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޑަރިކިއްޔާއި ދަރަވަންދުއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދޮންފަނާއި މާޅޮހެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް މީޑިއާގެ އެސްއެސް ޓީވީ އާއި ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ