ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސާޅީސް ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ، ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ހަތް އާބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދާއި، ޑޮލަރު އޭޓީއެމްނެތް ސިޓީތަކުގެ އިތުރަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، ޖުމްލަ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް އަށް މިހާރު އަންގަވާފައިވާ ކަމަށެވެ. މި މަސައްކަތް ބޭންކް އޮފް މޯލްޑިވްސް އިން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ އެހެނިހެން ކަންކަމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސް ކަމަށްވާ، މިއަހަރުގެ ނޮވެންބަރު މަހުގެ އެގާރަ ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދު އެއްހާސް ޑޮލަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު ތިންހާސް ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޗައިނާ ފައިސާ، ޔޫއާން އިން އެކައުންޓް ހުޅުވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހަމަޖެއްސިކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ހާއްސަ، އަދި 180 އަށް ވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ކާޑެއް ކަމަށްވާ، ޔޫނިއަން ޕޭ ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ ކަންވެސް އިއުލާން ކުރައްވާފަ އެވެ.
މިކަންކަމުގެ ސަބަބުން އަގު ބޮޑުކޮށް ޑޮލަރު ގަތުމުގެ މައްސަލައަށް ހައްލު ލިބި، ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރުގެ މާޗްގެ ނިޔަލަށް 40 ރަށެެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ