ކޮމަންވެލްތު ބީޗު ހޭންޑްބޯޅަ މުބާރާތުން ރާއްޖެއަށް ތިންވަނަ

ކުޅުދުއްފުށި ސިޓީގައި ބޭއްވި ފުރަތަމަ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި، ރާއްޖޭގެ ގައުމީ ބީޗު ހޭންޑްބޯޅަ ޓީމުން ލޯ މެޑެލް ހޯދައިފިއެވެ. މުބާރާތުގެ ތިންވަނަ ނުވަތަ ލޯ މެޑެލް ރާއްޖެއިން ހޯދީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން 2-1 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-20އިން ކާމިޔާބުކުރީ ބަންގްލަދޭޝްއިންނެވެ. އެކަމަކު ރާއްޖެއިން ވަނީ ދެވަނަ ސެޓު 22-12އިން ގެންގޮސްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓް ރާއްޖެއިން ކާމިޔާބުކުރީ 7-4 އިންނެވެ. ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ލީގު ބުރުގައި ރާއްޖެއަށް ލިބުނީ ތިންވަނަ އެވެ. ސެމީ ފައިނަލުގައި ރާއްޖޭން ބަލިވީ ލަންކާ އަތުންނެވެ. ލީގު ބުރުގައި ލަންކާ އަތުން މޮޅުވި ނަމަވެސް ސެމީ ފައިނަލުގައި ބަލިވީއެވެ. ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، ތިންވަނަ ހޮވި މެޗުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކުރީ ފަހަތުން އަރައިގެންނެވެ. މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާ ގައުމުތަކަކީ އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ސްރީ ލަންކާ އަދި ދެކުނު އެފްރިކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ