މާފުށިން ވަގަށް ނެގި ލޯންޗުން އައީ ކާކު ކަމެއް އަދިވެސް ނޭނގެ، އޮތީ ފަޅަށް ދޫކޮށްލައިފައި
ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރާ ކ. މާފުށީ ފަޅުގައި އަޅާފައި އޮއްވާ ގެއްލުނު ފަހުން، މާލޭ ފަޅުން ފެނުނު ލޯންޗުން އައީ ކާކުކަން އަދިވެސް ހޯދިފައިނުވާކަން އެނގިއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 20:00 ހާއިރު މާފުށިން ގެއްލުނީ 16 މީހުންގެ ޖާގައިގެ 'ތޭރަވާ" ކިޔާ ލޯންޗެކެވެ. އެއީ، މާފުށީގައި ފުޅާ ދާއިރާއެއްގައި ލޯންޗުގެ ޚިދުމަތްދޭ "ޓްރިޓޮން ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް"ގެ ލޯންޗެކެވެ. އެ ލޯންޗު އިއްޔެ މެންދުރު ފެނުނީ، މާލޭ ދެކުނު ފަރާތު ބަނދަރުގައި އޮއްވައެވެ. އެ ކުންފުނީގެ ވެރިއަކު "ސަން"އަށް ބުނި ގޮތުގައި ލޯންޗު ވަގަށް ނެގިކަން އެނގުނީ ހޮނިހިރު ދުވަހުގެ ރޭ އެ ލޯންޗު މާ ބާރަށް ފަޅުތެރެއިން ނުކުމެގެން ދިޔަކަމުގެ މައުލޫމާތު ލިބުމުން އެކަން ބެލުމުންނެވެ. އާއްމުކޮށް އެ ރަށުގެ ފަޅުތެރޭގައި ލޯންޗުފަހަރު އެހާ ބާރަށް ނުދުއްވާ ކަމަށް އޭނާ ބުންޏެވެ. https://sun.mv/211617 އޭނާ ބުނި ގޮތުގައި އެ ރަށު ފަޅުތެރޭގައި އާއްމުކޮށް ވެސް ލޯންޗުފަހަރު ބަހައްޓާފައި ހުންނަނީ ތަޅުދަނޑި ޖަހާފައެވެ. އެއީ، އަލިފާނުގެ ހާދިސާއެއްފަދަ ކަމެއް ހިނގައިފިނަމަ ކޮންމެ މީހަކަށް އަރައި ވެސް ލޯންޗު ދުރަށް ޖެއްސުމުގެ ފުރުސަތު ދިނުމަށް ކަމަށް އޭނާ ބުންޏެވެ. މާލޭ ފަޅުން ފެނުނު ތޭރަވާ ލޯންޗު: އެލޯންޗު ނާއްސައި ދޫކޮށްލާފައި އޮއްވާ މާލޭ ފަޅުން ފެނުނީ ބިދޭސީއަކަށް ---- އޭގެފަހުން މިއަދު އޭނާ 'ސަން'އަށް ބުނީ، ލޯންޗު ފެނުނީ މާލޭ ފަޅަށް ދޫކޮށްލާފައި އޮއްވާ ކަމަށެެވެ. އަދި އެ ލޯންޗު އޮޔާދަނިކޮށް ބިދޭސީއަކަށް ފެނުމުން ފަޅުގައި ލޯންޗު އެއްސީ އެ ބިދޭސީ މީހާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި، ލޯންޗަށް އެއްވެސް ގެއްލުމެއް ދީފައިނުވެއެވެ. މި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ، މާފުށިން ލޯންޗެއް ގެއްލުނު މައްސަލަ ރިޕޯޓުކުރި ކަމަށާއި އެ ލޯންޗު މިހާރު ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ. މިދިޔަ އަހަރު ވެސް މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އެ ފަހަރު ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް, މެދު ރާއްޖެތެރޭ ރަށެއްގެ ފަޅުގައި އަޅާފައި އޮއްވައި ވަގަށް ނަގައިގެން އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްސަލަ ފެންމަތިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ