ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ތާވަލުގެ ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އިން ފަހަތުން އަރައި 2-2 އިން ލީގުގެ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު، ނިއު އިން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވި، މާޒިޔާ އިން އެއް ވަަނައިގައި އޮތީ ހަތް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ނިއު އިން ހަތް މެޗުން ހޯދީ 17 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަަބަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
ގްރީން ސްޓްރީޓްސް އިން މި މެޗަށް ނުކުތްއިރު، ފުލުގައި އޮތް ނަމަވެސް، ހޯދި ޕޮއިންޓާ އެކު އެއް ދަރަޖަ ކުރިއަށް ވަނީ ޖެހިލައިފަ އެވެ. ލީގުގެ ނުވަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ހަތް މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ.
ނިއުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ހަންނަ އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ގަލޮޅު ދަނޑުގައި މިއަދު ކުޅުުނު މެޗު ފަށައިގެން، 10 ވަނަ މިނިޓްގައި ނިއު އިން ލީޑުނެގީ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި މޮޅު ގޯލުންނެވެ. އޭރިއާބޭރުން ހަންނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ނިއު އިން 22 ވަނަ މިނިޓްގައި، ލީޑުފުޅާކުރީ ބްރެޒިލްގެ މިޑްފީލްޑަރު، ލުއިސް ގޯމޭސް ޑަ ސިލްވާ ޖެހި ގޯލުންނެވެ. ގްރީންގެ އޭރިއާތެރެއިން ނިއުގެ އަހުމަދު ހުސާމް (ހުސާންކޮ) ޖެހި ބޯޅައެއް، ގްރީން ސްޓްރީޓްސްގެ ކީޕަރު، ވިޝާން އަބްދުލް މަޖީދު އަތުގައި ޖެހިފައި ރީބައުންސް ނުކުތް ވަގުތު ޑަ ސިލްވާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ.
ގްރީން ސްޓްރީޓްސް އިން އެއްވަރުކުރީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގެ 55 ވަނަ މިނިޓްގައި، ގްރީން ސްޓްރީޓްސްގެ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުން މިސްރުގެ އެލްސައީދު އަބްދެލްފައްތާހު އެވެ. މިއީ، ނިއުގެ އިބްރާހިމް މައިޝާން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ ޔޫޝައު ބިން އަލީ ނަޝީދަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ނިއު އިން ތިން ވަނަ ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވުމުގެ ނަތީޖާ އަކަށްވީ މެޗުގެ 88 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރުމެވެ. މި ލަނޑު ގްރީން ސްޓްރީޓްސް އަށް ޖަހައިދިނީ ޑިފެންޑަރު، އުޒްބެކިސްތާންގެ ޝުކްރާލީ ޕުލާޓޯވް އެވެ. ގްރީން ސްޓްރީޓްސްގެ ހިލޭ ޖެހުމަކުން ނިއުގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅައެއް ލިބުމުން، ޝުކްރާލީ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ، ނިއުގެ ކޯޗުކަމާ އަލީ ސުޒޭން ހަވާލުވި ފަހުން، އެ ޓީމަށް މޮޅުނެވުވުނު ދެ ވަނަ މެޗެވެ. އެ ގޮތުން، މީގެ ކުރިން ނިއު ވަނީ ކްލަބް އީގަލްސްއާ އެއްވަރުވެފަ އެވެ.
ދިވެހި ޕްރިމިއާ ލީގު: ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ފަހަތުން އަރައި ނިއުއާ އެއްވަރުކޮށްފި ދިވެހި ޕްރިމިއާ ލީގު: ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ފަހަތުން އަރައި ނިއުއާ އެއްވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ