ރާއްޖޭގައި ކޮޅުވެއްޓި އާއި ބާޖް އަދި ޓަގްބޯޓުކަހަލަ އުޅަނދުތައް ދުއްވާކަމަށް ފާހަގަކުރެވިފައިވަނީ ލައިސަންސް ނުހުންނަ މީހުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ކޮޅުވެއްޓި ނުވަތަ ލޭންޑިންކްރާފްޓް ބަންޑުން ޖަހާލުމުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. ވަރަށްފަހުން ހިނގި މި ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލުން ފަދަ ހިތާމެވެރި ހާދިސާތައް ވަނީ ހިނގާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި، ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓުން ބުނީ ދަގަނޑު ނުވަތަ މައުދަނުން ބަދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ މީހުން ޤަވާއިދުގައި ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން އެފަދަ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނެވެ. ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނެވެ.
ޓްރާންސްޕޯޓުން ބުނީ އެފަދަ އުޅަނދުތައް ދުއްވަން ވާނީ ޝަރުތުތައް ހަމަވާ ކެޕްޓަނުން ކަމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ.
ޓްރާންސްޕޯޓުން އެންމެފަހުން ބަޔާނެއް ނެރެފައިމިވަނީ އެމްޕީއެލް ސަރަހައްދުގައި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު ނިޔާވެ އިތުރު ބަޔަކަށް އަނިޔާވި ހާދިސާއެއް ހިނގާފައިވަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ.
ބާޖާއި ޓަގް ފަހަރު ދުއްވާކަމަށް ފާހަގަކުރެވެނީ ލައިސަންސްނެތް މީހުން: ޓްރާންސްޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ