މި އަހަރަށް ވުރެ އަންނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވް 55 މިލިއަން ޑޮލަރު ނުވަތަ 848.1 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ރިޕޯޓުގައި އަންދާޒާކޮށްފިއެވެ.
މި އަހަރު ނިމޭނެއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 848.6 މިލިއަން އެމެރިކާ ޑޮލަރުގައެވެ. އެއީ ހުސްވި އަހަރަށް ވުރެ ގާތްގަޑަކަށް 174.7 މިލިއަން ޑޮލަރު ނުވަތަ 25.9 އިންސައްތަ އިތުރު އަދަދެކެވެ.
އެގޮތުން 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި އަދަދުތަކަށް ބަލާއިރު:
- 2020 ވަނަ އަހަރު 984.9 މިލިއަން ޑޮލަރު
- 2021 ވަނަ އަހަރު 805.8 މިލިއަން ޑޮލަރު
- 2022 ވަނަ އަހަރު 832.1 މިލިއަން ޑޮލަރު
- 2023 ވަނަ އަހަރު 590.5 މިލިއަން ޑޮލަރު
- 2024 ވަނަ އަހަރު 673.9 މިލިއަން ޑޮލަރު
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ފޮތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މާލީ ވުޒާރާގެ އަންދާޒާތަކުން ދައްކާ ގޮތުން، 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެވްރެޖް ގޮތެއްގައި 15 އިންސައްތައިގެ ކުރިއެރުމެއް ރިޒާވަށް ދަނީ ލިބެމުންނެވެ. އެގޮތުން ބަލާއިރު އަންނަ އަހަރު ވެސް 903.7 މިލިއަން ޑޮލަރު ނުވަތަ 13.93 ބިލިއަން ރުފިޔާއަށް ރަސްމީ ރިޒާވު އިތުރުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.
އެގޮތުން މުޅި އިގްތިސާދަށް ބަލާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 5.3 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭއިރު، 2026 ވަނަ އަހަރާއި 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 4.9 އިންސައްތައިގައި ކަމަށް ވެސް މާލީ ވުޒާރާއިން އަންދާޒާކުރެއެވެ.
އެގޮތުން ނޮމިނަލް ޖީޑީޕީ ނުވަތަ އެ ދުވަސްވަރެއްގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އުފެއްދުންތެރިކަމުގެ މިންވަރު ހުންނާނެ ނިސްބަތަށް ބަލާއިރު، 2024 ވަނަ އަަހަރު މުޅިން އަލަށް ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާއިރު، ކުރިޔަށް އޮތް އަހަރު ނޮމިނަލް ޖީޑީޕީ ގާތްގަޑަކަށް 15 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ މި އަހަރާއި އަޅާބަލާއިރު ގާތްގަޑަކަށް ހަތް އިންސައްތައިގެ އިތުރުވުމެކެވެ.
ނޮމިނަލް ޖީޑީޕީގެ ކުރިއެރުމުން ބަލާއިރު މި އަހަރު ޖީޑީޕީ ޑީފްލޭޓާ ނުވަތަ އިގްތިސާދީ ދާއިރާތަކުގެ އަގުތައް 1.6 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާކުރާއިރު، މި އަންނަ އަހަރު ވެސް އެ މިންގަނޑު 1.6 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ވެސް އެ ވުޒާރާއިން އަންދާޒާކޮށްފައިވެއެވެ.
ބަޖެޓު ފޯކާސްޓް: އިގްތިސާދު ކުރިއަރައި، ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ