ޔުވެންޓަސް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރިއަށްނުދޭ ޔުވެންޓަސް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރިއަށްނުދޭ

ޓިއުރިން، އިޓަލީ (ނޮވެމްބަރު 8) - އިޓަލީގެ ގަދަބާރު، ޔުވެންޓަސް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކްލަބްގެ މެޖޯރިޓީ ހިއްސާދާރުން ކަމަށްވާ އެކްސޯގެ ޗީފް އެގްޒެކްޓިވް، ޖޯން އެލްކަން ވިދާޅުވެއްޖެ އެވެ. \
ނެދަލެންޑްސް އާއި އިޓަލީ އަށް ނިސްބަތްވާ ކުންފުނި، އެކްސޯ އިން ޔުވެންޓަސްގެ 65.3 ޕަސެންޓް ހިއްސާ ގަނެފައިވާއިރު، 78.86 ޕަސެންޓްގެ ވޯޓިން ރައިޓްސް ވެސް ކޮންޓްރޯލް ކުރެ އެވެ.
އެކްސްކޯ އިން ސައުދީ އަރަބިއްޔާ އާއި ގަތަރުގެ އެކި ކުންފުނިތަކަށް ޔުވެންޓަސްގެ ހިއްސާތަކެއް ވިއްކާލަން އުޅޭ ވާހަަކަ މީޑިއާގައި ވަނީ ދެކެވިފަ އެވެ. އެކަމަކު، އެލްކަން ވިދާޅުވީ، އެ ފަދަ ވާހަކަތަކެއް ކުރިއަށްނުދާ ކަމަށެވެ.
"އަހަރެމެން ޔުވެންޓަސްގެ ޕްރޮޖެކްޓަށް ވަރަށް ގަޔާވެގެން އިންވެސްޓްކޮށްގެން މި މަސައްކަތް ކުރަނީ. ވަރަށް ބޮޑަށް އަހަރެމެން ފަހުރުވެރިވޭ މި ފެންވަރުގެ ކްލަބެއްގެ މެޖޯރިޓީ ކޮންޓްރޯލް އޮވެގެން 10 އަހަރު ހިދުމަތްކޮށްދެވުނީތީވެ،" އެލްކަން ވިދާޅުވި އެވެ.
ޔުވެންޓަަސްގެ ދެ ވަނަ އަށް އެންމެ ބޮޑު ހިއްސާދާރު، ކްރިޕްޓޯ ކަރަންސީގެ ގަދަބާރު، ޓެދާ އަށް އެ ކްލަބްގެ ހިންގުމުގައި މާ ބޮޑު ފުރުސަތުތަކެއް ނެތް ކަމަށް ބުނެ، ޔުވެންޓަަސްގެ ޓްރާންސްފާ ކަންކަމުގައި، ޓެދާ އިން ބައިވެރިވާން ވަނީ ހުށަހަޅައިފަ އެވެ. އެލްކަން ވިދާޅުވީ، ކްލަބްގެ ކުރިމަގު ރަނގަޅު ކުރަން ބޭނުންވާ ބަދަލުތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
ޔުވެންޓަސްގެ ކުރިމަގު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި ކްލަބްގެ އިންވެސްޓަރުން ވެސް ތިބީ ގުޅިގެން ކުރިއަށްދިއުމުގެ ވިސްނުމުގައި ކަމަށް އެލްކަން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ