މި އަހަރު 2.3 މިލިއަން ފަތުރުވެރިން ނުގެނެވޭ ނަމަވެސް، އަންނަ އަހަރަށް 2.4 މިލިއަނުގެ އަމާޒެއް
މި އަހަރުގެ އަމާޒު ހާސިލުނުވެ އޮއްވައި، އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ. ސަރުކާރުން ވަނީ، މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ބުނެފައެވެ. އެކަމަކު، އަހަރު ނިމެން ދެ މަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެ އަމާޒަށް ވާސިލުވާން އަދި ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ގެންނަން ޖެހޭނެ ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ. އަންނަ އަހަރަށް މަޖިލީހަށް ހުށަހެޅި ބަޖެޓު ފޮތުގައި މިއަހަރު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 2.2 މިލިއަނަށް ދަށްކޮފައެވެ. އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާކޮށްފައެވެ. އެއީ، ބަޖެޓު ފޮތުގައި އޮތް އަދަދަށް ބަލާނަމަ، ދެ ލައްކަ އިތުރު އަދަދެކެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި އަންނަ އަހަރު ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ރޭތައް މިއަހަރާ އަޅާބަލާއިރު ދަށްވާނެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވާގޮތުން ފަތުރުވެރިން މަޑުކުރާނީ 7.2 ޕަސެންޓަށެވެ. މިއަހަރު ފަތުރުވެރިން ރާއްޖެ އައިސް މަޑުކުރާ ރޭތަކުގެ އެވްރެޖް ޕަސެންޓު ހުރީ 7.7ގައެވެ. ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި -- ފޮޓޯ/ އެއާޕޯޓު އެންމެ ފަހުން ޓުއަރިޒަމް މިނިސްޓްރީން ތަފާސްހިސާބު އާންމުކޮށްފައި ވަނީ، މިދިޔަ ބުދަ ދުވަހެވެ. އެ ހިސާބުތަކަށް ބަލާއިރު، އަންގާ ދުވަހުގެ ނިޔަލަށް ޖުމުލަ 1.8 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އޭގެތެރެއިން، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގައުމުން 296،135 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން ވަނީ، 232،834 ފަތުރުވެރިން އައިސްފައެވެ. އޭގެއިތުރަށް، 163،977 ފަތުރުވެރިން ޒިޔާރަތްކޮށްގެން މާކެޓުގެ ތިން ވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ. ޖަރުމަނުން އައީ، 137،291 ފަތުރުވެރިން އައިއިރު، 121،924 ފަތުރުވެރިން އިޓަލީން ވަނީ ޒިޔާރަތްކޮށްފައެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި 66،054 ޓޫރިސްޓު އެނދު އޮޕަރޭޓު ކުރެއެވެ. އޭގެތެރެއިން އެންމެ ބޮޑު ހިންގަނީ ހިއްސާކުރަނީ، ރިސޯޓުތަކާއި މަރިނާސްގައެވެ. އެތަންތަނުގައި 44،239 އެނދު ހުރިއިރު، 16،068 އެނދު ގެސްޓުހައުސްތަކުގައި އޮޕަރޭޓުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ