އޯ-ލެވެލް ނިންމި 20 ދަރިވަރުންނަށް އެމްޕީއެލް އިން މެއިންޓެނެންސް ދާއިރާގެ ތަމްރީނު ދީފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދިޔަ މެއިންޓެނެންސް އިންޑަސްޓްރީގެ އިންޓާންޝިޕް ޕޮރޮގްރާމް ނިންމި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެމްޕީއެލް އިން ކުރިއަށް ގެން ދިޔަ މި ޕްރޮގްރާމަ އަކީ އޯލެވެލް އިމްތިހާން ނިންމާ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށާއި، މެއިންޓެނެންސް އިންޑަސްޓްރީއަށް ޝައުގު އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.
މީރުމާ މާލަމުގައި އިއްޔެ ބޭއްވި ސެޓްފިކެޓް ދިނުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓް ދާއިރާއަކީ ވަރަށް ފުޅާ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ދާއިރާއެއް ކަމުން، އެ މަސައްކަތަށް ހުނަރުވެރި މުވައްޒަފުން ބޭނުންވާ ކަމަށެވެ.
މީގެ ތެރެއިން އޮޕަރޭޝަން ޑިޕާންޓްމަންޓާއި އިލެކްޓްރީޝަނުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުވައްޒަފުންނާއި އެމްޕީއެލްގެ ވެބްސައިޓްތައް ހިންގަންވެސް މުވައްޒަފުން ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ރަސްމިޔާތުގައި ވާހަކަ ދެއްކެވި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ސްކޫލު ދައުރުގައި ދަރިވަރުންނަށް ވަޒީފާގެ މާހައުލުގެ ކަންކަން ދަސްވެގެން ނުދިޔަ ނަމަވެސް އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންނަށް ހަރުދަނާކަން ލިބިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބައެއް ބެލެނިވެރިން އެ މީހުންގެ ކުދިން ގްރޭޑް 10 ނިންމުމަށްފަހު ނަތީޖާ ލިބޭ ދުވަސްކޮޅާއި ދޭތެރޭ ލިބޭ ހުސް ދުވަސްތަކުގައި ނުބައި ގޯޅިއަކުން ގޮސްދާނެތީ އެ ބެލެނިވެރިންގެ އެދުމުގެ މަތިން އެމްޕީއެލްއިން މި ޕްރޮގްރާމް ހިންގީ އެ ކުންފުނީގެ މާހައުލު އޮޕަރޭޓްވާ ގޮތް ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކަމެވެ.
2022 އިން ފެށިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް މި އަހަރު 210 ދަރިވަރުން ހުށަހެޅި ކަމަށާއި، އެހެންނަމަވެސް ޕްރޮގްރާމުގައި ބައިވެރިވެ، އިންޓާންޝިޕް ފުރިހަމަ ކުރީ 20 ދަރިވަރުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން އޯ-ލެވެލް ނިންމި 20 ދަރިވަރުންނަށް މެއިންޓެނެންސް ދާއިރާގެ ތަމްރީނުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ