އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި އާ މައްސަލަވެސް ބޭރުކޮށްލައިފި އެވެ.
ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ފުރަތަމަ ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.
އެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ވިދާޅުވެފައިވަނީ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.
ރަޖިސްޓްރާގެ އެ ނިންމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގެން އޮތް ނަމަވެސް މިއަދު މެންދުރުފަހު މުޅިން އާ މައްސަލައެއް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އެވެ.
އެ މައްސަލާގައި އެދިފައިވަނީ ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްކޮށް ނިންމުމުގެ ހައްގު ނުލިބޭ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް އެ މައްސަލަވެސް ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. ނަމަވެސް އެ މައްސަލަ ބޭރުކޮށްލަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ސަބަބެއް އަދި ނޭނގެ އެވެ.
މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ޔާމީނަށް އިއްވާފައިވާ އެ ޖަލު ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން އިސްތިއުނާފީ އަޑުއެހުންތައް އޮތީ މަޑުޖެހިފަ އެވެ.
އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު އޮތީ ޝައްކު އުފެދިފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އެ މަނިކުފާނާ އެއްކޮޅަށް ނިމިއްޖެ ނަމަ އެވެ.
ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އާ މައްސަލަ ވެސް ބޭރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ