ފޯނުން ޕާސްޕޯޓަށް އެދެވޭ ގޮތަށް އެޕެއް ލޯންޗުކުރަނީ

ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިތުރު ކުރިއެރުންތަކާއި އެކު އިމިގްރޭޝަންގެ މޮބައިލް އެޕް އަންނަ ހަފްތާގައި ލޯންޗްކުރަން ނިންމާފައިވާ ކަމަށް، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ރިޓަޔަރޑް ޕޮލިސް ކޮމިޝަނަރ، އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ފަސީހު އެކަން ހާމަކުރެއްވީ، އިމިގްރޭޝަންގެ ތާރީހު ދައްކުވައިދޭ، އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ މައުރަޒު ހުޅުވުމާއި، ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިދިޔަ އަަހަރު ނޮވެމްބަރ މަހު އިމިގްރޭޝަންގެ ނިޒާމް 2.0 އަށް ބަދަލުކޮށް ހުރިހާ ސިސްޓަމެއް ޑިޖިޓަލައިޒްކޮށްފައިވާކަމަށާއި އޭރު އެ މުއައްސަސާގެ މޮބައިލް އެޕްވެސް ލޯންޗްކޮށްފައިވާކަން ފަސީހު ފާހަގަކުރެއްވިއެވެ. އަންނަ ހަފްތާގައި އެޕް އަލުން ލޯންޗްކުރަން ނިންމާފައި ވަނީ، މޮބައިލް އެޕުން ޕާސްޕޯޓަށް އެދުމުގެ ޚިދުމަތާއި، ފޮޓޯ ނެގުމާއި، ވިސާނެގުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމްތަކާއި އެކުގައިކަމަށް ފަސީހު ވިދާޅުވިއެވެ.
"އިތުރު އެންހޭންސްމެންޓާއި އެކު މޮބައިލް އެޕް އަނެއްކާ ތައާރަފްކުރަނީ. މޮބައިލް އެޕުން ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ. ވިސާވެސް ޗެކްކުރެވޭނެ. ހުރިހާ ޚިދުމަތެއް ލިބޭނެ." އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ފަސީހު ވިދާޅުވިއެވެ.
ފަސީހު އިތުރަށް ވިދާޅުވީ މިހާރު ރާއްޖެއަކީ އެންމެ އަވަހަށް ޕާސްޕޯޓް އިޝޫކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށެވެ. އަދި މާލޭގައި ޕާސްޕޯޓްގެ ޚިދުމަތް އާ އުސްމިންތަކަކަށް ގެންދެވިފައިވާ ކަމަށް ފަސީހު ސިފަކުރެއްވިއެވެ. މީގެއިތުރުން، އަތޮޅުތެރޭގެ ރައްޔިތުން ދިގު ދަތުރަކަށް ފަހު މާލެ އައިސް ބޮޑު ޚަރަދުތަކެއް ކޮށްގެން ޕާސްޕޯޓުގެ ޚިދުމަތަށް އެދުން ނިމުމަކަށް ގެނައުމަށްޓަކާ, ރާއްޖޭގެ 38 ސްޓޭޝަންގައި ޕާސްޕޯޓް ދޫކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ އިމިގްރޭޝަންގެ ޚިދުމަތް ހޯދަންދާ އާއްމުން އެތަނުގައި ހޭދަކުރާ ވަގުތު ފަސޭހަކޮށްދިނުމަށާއި، އެތަނުގައި ތިބޭއިރު އިމިގްރޭޝަނާއި ގުޅުންހުރި މައުލޫމާތު ލިބޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި ދާދިއަވަހަށް، އިސްރަށްވެހިންނަށް ފޯމްފުރުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދޭނެ ކަމަށް ވިދާޅުވިއެވެ.
"ޕާސްޕޯޓް އެ ދުވަހު ހުށަހަޅާފަ އެ ދުވަހު ހިފަިއގެން ދަނީ. އެ ދުވަހު ހުށަހެޅިމަ އެ ދުވަހު މާލޭގައި އެ ޚިދުމަތްދެނީ. އަތޮޅުތެރޭގައި ކުޑަ ދުވަސްކޮޅެއްވޭ. ޕާސްޕޯޓެއްގެ ބޭނުންޖެހިއްޖެއްޔާ ވަގުތުން އަޅުގަނޑުމެން ފޮނުވާދެން." އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ފަސީހު ވިދާޅުވިއެވެ.
70 އަހަރުގެ ދިގު ތާރީހެއް އޮތް މާޒީގެ ވޯލް އޮފް ލެގަސީ މެދުވެރިކޮށް އެ މުއައްސަސާގެ މަސައްކަތްތަކުގެ މުހިންމުކަން ރަމްޒުކޮށްދޭކަމަށް ފަސީހު ވިދާޅުވިއެވެ. އިމިގްރޭޝަންއަކީ އެތަނަކާއި މެދު ފަޚުރުވެރިވުން ހައްގު މުއައްސަސާއެއްކަމަށް ވެސް ފަސީހު ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ވޯލްކް އޮފް ލެގަސީ އެކުލަވާލުމުގައި ދިމާވި ގޮންޖެހުންތަކަށް ފަސީހުވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އިމިގްރޭޝަންގައި އެކަށީގެންވާ އާކައިވްއެއް ނެތުމުން، ކުރީގެ އޮފިސަރުންނާއި ގުޅައިގެންނާއި، އޮފިސަރުންގެ އަމިއްލަ އަލްބަމްތަކުން ފޮޓޯ ހޯދަންޖެހުނުކަމަށް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ