ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އުމަރުގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.
އުމަރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމަށް (މާޒް ސަލީމް) އެވެ. އެކަން ހާމަކުރެއްވީ މިއަދު ފޯމު ހުށަހަޅުއްވަން ވަޑައިގެންއެވެ. މާޒް ވަނީ އުމަރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެކުގައި މަސައްކަތް ކުރައްވައިފައެވެ.
އުމަރުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި މާޒް ސަލީމްގެ އިތުރުން އުމަރަށް ސަޕޯޓްކުރާ ފަރާތްތަކުން ބައިވެރިވިއެވެ.
އުމަރު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ 2000 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކުއެވެ. އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ މަދުވެގެން 1،500 މީހުންގެ ސޮޔާ އެކުއެވެ.
އުމަރު އޭނާގެ ރިޔާސީ ކެމްޕޭން ލޯންޗުކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައެވެ.
އުމަރު ވަނީ 2008 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެފައެވެ. ދެން ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ވާދަކުރެއްވިއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި، އެ ޕްރައިމަރީން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.
އޭގެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުއްވުމަށްފަހު އޭނާ ވަނީ ފަހުން ނަން އަނބުރާ ގެންދަވައިފައެވެ. އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ 1،500 ސޮއި ހަމަކުރެއްވިކަންވެސް އިއުލާން ކުރެއްވި އުމަރު ނަން ނަންގެވީ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިހާބު ކުރުމަށް ވުރެ ބޮޑަށް، އެ ފަހަރު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށްވާތީ ކަމަށް ސަބަބެއްގެ ގޮތުގައި ވިދާޅުވެފައެވެ.
އުމަރު ވެސް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ