ބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އައިސްއާއެކު ފުލުހުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑޭތި ކުށްތައް ހުއްޓުވުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމަންޓު (އައިސް) އާއެކު ދިވެހި ފުލުހުން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. 
އެ އެމްއޯޔޫގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. އެމެރިކާގެ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓާއި، އައިސް އަދި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ރީޖަނަލް އެޓާޗޭ އާލް މެޓިއާ އެވެ. 
މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސޮއިކުރި މުހިންމު އެމްއޯޔޫއެއް ކަމަށް އެމެރިކާއިން ބުނެ އެވެ. މި އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތަކަށް ހުއްޓުވުމާއި، އެފަދަ އަމަލުތައް ހިންގާ ނެޓްވޯކްތައް ނައްތާލުމެވެ. 
އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި، އިންސާނީ ވަގުފާރި އަދި ސައިބާ ކްރައިމް ކުށްތައް ހިމެނެ އެވެ. ހަމައެހެންމެ، މާލީ އަދި އިގުތިސާދީ ކުށްތަކާއި، ފިކުރީ މުދަލުގެ ހައްގުތަކަށް އަރައިގަތުމާއި، ނުރައްކާތެރި ހަތިޔާރު ފެތުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން އިތުރުވެ، ކުށްތައް ތަހުގީގު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމެރިކާ އެމްބަސީން ބުނެ އެވެ. އަދި ވަކިވަކި ކުށްތަކަށް އަމާޒުކޮށްގެން ގުޅިފައިވާ އޮޕަރޭޝަންތައް ހިނގުމާއި، މިހާރުވެސް ގާއިމުކުރެވިފައިވާ ގުޅުންތައް އިތުރަށް ވަރުގަދަކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
މިއީ ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ހިންގާ ކުށްތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެ އެވެ. 
މި އެމްއޯޔޫގެ ދަށުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތަކާއި، ސެމިނާރުތައް އަދި ތަޖުރިބާ ބަދަލުކުރުމުގެ ދަތުރުތައް ރޭވުމަށް ވަނީ ހަމަޖެހިފަ އެވެ. 
މި ސަރުކާރު އައުމަށް ފަހު އަންނަނީ އެމެރިކާ އާއެކު ވަރަށް ބޮޑަށް ސަލާމާތީ ހިދުމަތްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރަމުންނެވެ. ފުލުހުންގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ވެސް އެމެރިކާއިން އަންނަނީ އެހީވަމުންނެވެ. އަދި އެ ގައުމުގެ އިސްވެރިން އަންނަނީ ރާއްޖެއަށް ގިނަ ދަތުރުތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ