ކައުންސިލްތަކަށް ފަންނީ ލަފާދިނުމަށް އެމްޑީޕީން ޕްރޮޖެކްޓު އޮފީހެއް އުފައްދައިފި

ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކަށް ފަންނީ ލަފާދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސެކްރެޓޭރިއޭޓުގައި ހާއްސަ އޮފީހެއް އުފައްދައިފި އެވެ.
"އިންޓަލޯކަލް ކައުންސިލް ޕްރޮޖެކްޓު ޑިވެލޮޕްމަންޓު އޮފީސް" ގެ ނަމުގައި އުފެއްދި މި އޮފީހަކީ ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އުފެއްދި އޮފީހެއް ކަމަށް އެ ޕާޓީން ބުނެ އެވެ. 
އެ އޮފީހުގެ އިސްވެރިޔަކަށް ކަނޑައަޅާފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އެވެ. 
މިފަދަ އޮފީހެއް އުފެއްދުމަކީ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނުގައި ކުރައްވާނެ ކަމަށް ވިދާޅުވި ކަމެކެވެ. ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީގެން މާލީ އެހީ ހޯދޭނެ އާ ގޮތްތައް ތަނަވަސްކޮށްދިނުމަކީ އެމްޑީޕީ މެދުވެރިކޮށް ކުރެވޭނެ ކަމެއް ކަމަށް ނަޝީދު ކެމްޕޭނުގައި ވިދާޅުވި އެވެ. 
މިއީ ޗެއާޕާސަންގެ މަގާމާ ހަވާލުވުމަށް ފަހު އެމްޑީޕީގެ ސެކްރެޓޭރިއޭޓުގައި ނަޝީދު އުފެއްދެވި ދެވަނަ އޮފީހެވެ. މީގެކުރިން ވަނީ "ބޮޑު ބަދަލު" އޮފީސް ވެސް ގާއިމުކޮށްފަ އެވެ. އެ އޮފީހުގެ ޑައިރެކްޓާ ޖެނެރަލަކީ ހަސަން ލަތީފް އެވެ. 
ބޮޑު ބަދަލަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ބީދައަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމުގެ ކުރިން އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ނިޒާމީ އިސްލާހުތަކެކެވެ. 
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނަޝީދު ކުރެއްވި ކެމްޕޭނުގައި ޕާޓީގެ މެންބަރުންގެ ތާއިދު ހޯދުމަށް ހުށަހެޅުއްވީ އެ ބަދަލުތަކެވެ. އެ ބަދަލުތައް ރާއްޖެއަށް ގެނެވޭނީ އެމްޑީޕީ މެދުވެރިކޮށް ކަމަށް އޭރު ނަޝީދު ވިދާޅުވި އެވެ. އެ އިންތިހާބުގައި ނަޝީދު ކާމިޔާބު ކުރެއްވީ 69 ޕަސަންޓުގެ ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ