ބޭސް ކުންފުންޏާ ފިހާރަތައް ހަވާލުކުރާތީ މާދަމާއިން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސްފިހާރަތައް ބަންދުވާނެ

މާދަމާއިން ފެށިގެން ތިން ދުވަހަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. 
ރާއްޖޭގައި 800 އަށް ވުރެ ގިނަ ބޭސް ފިހާރަ ހުރިއިރު އޭގެ ތެރެއިން ގިނަ ބޭސްފިހާރައަކީ އެސްޓީއޯއިން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ބޭސްފިހާރަ އެވެ. އެ ފިހާރަތައް ބަންދުކުރަނީ އަލަށް އުފެއްދި ސްޓޭޓްފާމާއާ ފިހާރަތައް ހަވާލުކުރުމަށް އިންވެންޓްރީ ގުނުމަށެވެ. 
އެ ކުންފުނިން ބުނި ގޮތުގައި ބޭސްފިހަރާތައް ބަންދުކުރަނީ ޖޫން 24 އިން 26 އަށެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އިމަޖެންސީގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. 
އިންވެންޓްރީ ގުނުމުގެ މަސައްކަތް ނިމުމުން ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސްޓޭޓްފާމާ ކުންފުނިން ކަމަށް އެސްޓީއޯއިން ބުނެ އެވެ. 
ރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރީ ޑރ. ޝާހު މާހިރު އެވެ.
އެސްޓީއޯގެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމާއެކު އެ ފިހާރަތަކުގެ އޮޕަރޭޝަނުގައި އުޅުނު ހުރިހާ މުވައްޒަފުންނެއް ބޭސް ކުންފުންޏަށް ބަދަލުވާނެ އެވެ. އެއީ ސީދާ ކިތައް މުވައްޒަފުންކަން ޔަގީނެއް ނޫނެވެ. ނަމަވެސް އެ އަދަދު 500 އިން މަތިވާނެ ކަމަށް އެސްޓީއޯއިން މީގެކުރިން މައުލޫމާތު ދިނެވެ. 
ބޭސް އެތެރެކޮށް ބޭސް ފިހާރަތައް ހިންގަން ސަރުކާރުން ވަކި ކުންފުންޏެއް އުފެއްދިއިރު މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ މައްސަލަތަކެއް މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ