ރާއްޖޭގެ ހުރިހާ ހިސާބަކުން އިވެނީ ވީ ވައުދުތައް ރައްޔިތުން ބޮލަށް ޖެހި ވާހަކަ: ޣައްސާން

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ދަތުރުތަކުގައި ރައްޔިތުންގެ ކިނބައިން އިވެނީ މުޅިންވެސް ސަރުކާރުން ވެފައިހުރި ވައުދުތައް ރައްޔިތުންގެ ބޮލަށް ޖަހާފައިވާ ކަމުގެ ޝަކުވާކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އޭނާގެ ދައިރާގެ މައި ރަށްކަމަށްވާ ތ.ގުރައިދޫގައި އޮތް ޑރ.މުޢިއްޒުގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޣައްސާން ވިދާޅުވީ ޑރ.މުޢިއްޒަށް ކެންޑިޑޭޓުކަން ޔަގީންވުމާއެކު، ރައީސް ޢަބްދުﷲ ޔާމީނުގެ ޓީމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އިހުސާސުތައް ދެނެގަނެ އަޑުހާފައިވާ ކަމަށެވެ.
"އިވެމުންދަނީ އެއް އަޑުތަކެއް. ވީ ވައުދުތައް މިސަރުކާރުން ރައްޔިތުންގެ ބޮލަށް ޖެހި ވާހަކަ. ރައްޔިތުންނަށް ކޮށްދެއްވާނަމޭ ވިދާޅުވި ކަންތައްތައް ފުއްދަވައިނުދެއްވާ ވާހަކަ. ރައްޔިތުންނަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ވާހަކަ،" ޣައްސާން ވިދާޅުވިއެވެ.
ރައްޔިތުންގެ ރޫހު ހުރީ މި ސަރުކާރު ބަދަލުކުރަން ކަމަށާއި، ސަރުކާރުގެ ކަންކަން ހުރިކަމުން ރައްޔިތުން ތިބީ "މަޑު މިންވަރަކަށް ކޯފާ އިސްކުރައްވާފައި" ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައިވެސް ވެފައިވާ ވައުދުތައް ނުފުއްދުމެވެ.
އެގޮތުން ސަރުކާރާއި މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދިނުމުން ކަންކަން ވެފައިހުރި ގޮތް އެންމެ ރަނގަޅަށް އެނގެނީ ރައްޔިތުންނަށް ކަމުގައި ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ ސަރުކާރުން ރައްޔިތުންނާމެދު އިހާނާތްތެރިކޮށް ކަންކުރަނީ ކީއްވެތޯ ވިސްނަންޖެހޭ ކަމަށެވެ.
"މީގައި އެބައޮތް ދެގޮތް. އެންމެ ފުރަތަމަ ގޮތަކީ މި ސަރުކާރުން ރައްޔިތުންނަކީ ބައެއްކަމަށް ނުދެކުން. ރައްޔިތުންނަށްވާ ވައުދުތައް ފުއްދައިދޭންޖެހޭކަމަށް ނުދެކުން. ރައްޔިތުންނަށް އިހުތިރާމުނުކުރުން. އޭގެ އަނެއް ގޮތަކީ ކޮންމެ ފަދަ ވާހަކައެއް ދައްކަވައިގެން ވެރިކަން ހޯއްދަވައިގެން ތިއްބެވިޔަސް މިކަން ކުރައްވަން ނޭނގެނީ. މަގެއްގައި ތާރުއަޅާލަން އެއާޕޯޓެއް ފަރުމާކޮށްލަން ނޭނގެނީ.،" ޣައްސާން ވިދާޅުވިއެވެ.
އަދި މިއިން ކޮންމެ ގޮތަކަށް ކަން އޮތް ނަމަވެސް މި ސަރުކާރަށް ދެވަނަ ދައުރެއް ދޭންނުޖެހޭކަމަށާއި، ރައްޔިތުން ތިބީވެސް މި ސަރުކާރަށް ދެވަނަ ދައުރެއް ދޭ ގޮތަށް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ