ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ، ސަމާލުވެ ރައްކާވެ ތިބުމަށް ގޮވާލައިފި

ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސް ވާނެ ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ، ރާއްޖޭގެ ސަރަހއްދުގައި ހުޅަނޑު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެރޭގެ ރަށްރަށަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެތް އޮފީހުން ބުނެފައިވާ ކަމަށެވެ. އެ ގޮތުން ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކަނޑުތައް ގަދަވެ ވައިވެސް ގަދަވާނެ ކަމަށް އެންޑީއެމްއޭއިން ބުނެފައި ވެއެވެ.
މިއަދު މޫސުން ލަފާ ކޮށްފައިވާ ގޮތަށް ބަލާއިރު ވެސް ކަނޑުތައް ގަދަވެ ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެ ގޮތުން މިއަދު އެ އިދާރާއިން ވަނީ ހއ. އިން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
އެންޑީއެމްއޭ އިން ވަނީ މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް ގޮވާލާފައެވެ. އެ ގޮތުން ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރު ވުމަށާއި، ގެއަށް ފެން ނުވަަންނާނެ ގޮތަށް ވެލި ބަސްތާ ޖަހައި ތައްޔާރުވުން ހިމެނެއެވެ. ހަމައެއާއެކު ގޭގޭގައި ފެން ބޮޑުވެއްޖެ ހިނދެއްގައި ފެން ޖެހިގެން ހަލާކުވާނެ ފަދަ މުދާ ފަދަ ތަކެތި ފެން ނުޖެހޭނެ ފަދަ އުސް ތަންތަނުގައި ބެހެއްޓުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ވައިގަދަވެ އެއްލާލާފާނެ ފަދަ ތަކެތި ބަނދެފައި ބެހެއްޓުމާއި އެ ފަދަ ތަންތަނުގައި ބޭނުންކުރާ ކަރަންޓު ކަނޑާލާފައި ބެހެއްޓުން ހިމެނެއެވެ. އަދި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރަށް ނިކުންނަ އިރު ބޭނުންވާ ސަލާމަތީ ކަންކަން ފުރިހަމަ ކުރެވިފައި ހުރިތޯ ބަލައި ރައްކާވެ ތިބުމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ