މެދުޒިޔާރަތުގައި ދިދަ ނެގުމަކީ ދީނީ ކަމެއް ނޫން: ޔުމްނާ މައުމޫން

ގިނަ އަހަރުތަކަކަށް ފަހު ރާއްޖެ އިސްލާމް ކުރެއްވި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ މެދުޒިޔާރަތުގައި ދިދަ ނަގަން ފެށުމާ އެކު އަމާޒުވި ފާޑުކިޔުންތައް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ރައްދު ދެއްވައިފި އެވެ.ތިރީސް އަހަރުގެ މެދުކެނޑުމަކަށް ފަހު މެދު ޒިޔާރާތުގައި އަލުން ބޮޑު ދިދަ ނެގުމުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ޒިޔާރަތަށް ނަދުރު ބުނުމާއި އެކަމަށް މަގުފަހިވާފަދަ ކޮންމެ ކަމަކީ ޝިރްކުގެ އަމަލެއް ކަމަށް ބައެއް އިލްމުވެރިން ވަނީ ބުނެފަ އެވެ. އަދި މިކަމާ މެދު ފިޔަވަޅު އެޅުމަށް ބައެއް އިލްމުވެރިން ވަނީ އިސްލާމިކް މިނިސްޓްރީ އަށް ގޮވާލާފަ އެވެ.އިލްމުވެރިންގެ ފާޑުކިޔުންތަކާއެކު މެދުޒިޔާރަތުގައި ނެގި ދިދަ މިހާރު ވަނީ ބާލާފަ އެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން ދިދަތައް ނަގަން އެންގީ ފާޑުކިޔުންތައް ގިނަވެ ޕްރެޝަރު ބޮޑުވުމުންނެވެ."މެދުޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ގައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ގައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް. އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުގުވެރިވާނެ ކަމެއް،" ޔުމްނާ ވިދާޅުވެފައިވެ އެވެ."މިއީ އެއްވެސް ގޮތަކަށް ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ސަގާފީ ކަމެއް،" ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.އެ ދިދަތައް ޖެހީ ޒިޔާރަތްތަކާއި އާސާރީ ތަންތަން އިހު ހުރި ގޮތަށް އާންމުންނަށް ދައްކާލުމުގެ މަގުސަދުގައި ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އަދި އެތާ ކައިރިން ދާއިރު އިހުތިރާމް ކުރުމުގެ ގޮތުން ހަމްދުއަޅާ ވެސް އުޅުނެވެ. އެހެން ނަމަވެސް އެއީ ދީނީ ގޮތުން ރަނގަޅު ކަންކަމަށް ނުވާ ކަމަށް ބުނެ، އެ ކަންކަން ކުރުން ސަރުކާރުން މަނާކުރީ 1957ވަނަ އަހަރު އެވެ. މީގެ ކުރީން ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު މެދު ޒިޔާރާތް އާންމުންނަށް ހުޅުވާލަން ނިންމި އެވެ. އެކަމާ ދެކޮޅަށްވެސް އިލްމުވެރީން ތެދުވިއެވެ. އޭރު ސަރުކާރުންވެސް ފުރަތަމަ އެ ނިންމުން ވަރަށް ބޮޑަށް ދިފާއު ކުރިއެވެ. އޭރު އިސްލާމިކް މިނިސްޓްރީގައި ތިއްބެވި ބައެއް ބޭފުޅުންވެސް އެއީ ދީނާއި ގުޅުން ހުރި ކަމެއް ނޫން ކަމަށް ދައްކަން މަސައްކަތް ކޮށް ވާހަކަ ދެއްކެވިއެވެ.ނަމަވެސް ވަރަށް ގިނަ އިލްމުވެރީންގެ ދެކޮޅު ހެދުންތަކާއެކު އެންމެ ފަހުން ސަރުކާރުގެ ނިންމުން ބަދަލުކުރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ