އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ޙާލުގައިޖެހިފައި ތިބި މީހުންނަށް އެހީތެރިކަމާއި، އުންމީދާއި ޝިފާ ހޯދައިދިނުމަށްޓަކައި އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހަޅައި، ފުރާނައިން ޤުރުބާންވި އިންސާނީ އެހީތެރީންގެ ޛިކުރާ އާކުރައްވާފައެވެ.
މި ވޭތުވެދިޔަ ދެތިން އަހަރަކީ، ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި ޙާލަތްތަކުގައި އިންސާނީ އެހީތެރިން ހަރަކާތްތެރިވާން ޖެހިފައިވާ އަހަރުތައްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިންނަށް އަމާޒުކުރާ ފުރައްސާރަ އާއި މަރުގެ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިންސާނީ އެހީދޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު އެހީފޯރުކޮށްދިނުމުގެ ފުރުޞަތު ނުލިބުމުން، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އިތުރުން، ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ އަސާސީ ޚިދުމަތްތަކުންވެސް އެ ރައްޔިތުން މަޙުރޫމުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންސާނީ އެހީތެރިކަން ދޭ ފަރާތްތަކުގެ ހިތްވަރާއި އޯގާތެރިކަމަކީ، ޙަޤީޤީ މާނައިގައި ޚިދުމަތްކުރުމާއި އެއްބާރުލުންދިނުން ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރީންގެ މަސައްކަތް ޚާއްޞަކޮށް ފާހަގަކުރައްވާފައެވެ. އެ ފަރާތްތަކުގެ ހިތްވަރުގެ ސަބަބުން، ޢަބުރުވެރި، އަމާން އަދި އިންސާފުވެރި ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތާއި އިންސާނިއްޔަތުގެ ބާރު ދައްކުވައިދޭކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އިންސާނިއްޔަތުކަމާ ގުޅުންހުރި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، ޙިޔާދިއްޔަތާއި މިނިވަންކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ މަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، އޯގާތެރިކަމާއި، އިންސާފާއި އަމާންކަމުގެ ތަރަހައިގެ މަތީގައި މިއަށްވުރެ ހަރުދަނާ ދުނިޔެ އެއް ބިނާކުރުމަށް އޮތް ޖަމަވީ ޒިންމާގެ މަތިން ހަނދާންކޮށްދެއްވައި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެއްބާރުލުންދިނުމަށް ގޮވާއްލައްވަމުންނެވެ.
އިންސާނީ އެހީތެރިންނަށް އެއްބާރުލުންދެއްވާކަން ހާމަކުރައްވައި އެ ފަރާތްތަކުގެ ޤުރުބާނީގެ ޛިކުރާ އާކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅޭ ޕޯސްޓެއް، އެކްސް ގައި ވެސް ހިއްސާކުރައްވާފައެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ