ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މިނިވަން މީޑިއާތައް ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަ ގޮތަށް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ނަމުގައި ހުށަހަޅާފައިވާ އެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާވާނެ ކަމަށެވެ.
"އެ ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް މި ޖަމްއިއްޔާއިން ދެކެން،" އެމްޖޭއޭއިން ބުންޏެވެ.
ހަންނާން ކުރިން ވެސް މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވިކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ މިހާރު ހުށަހެޅުއްވި ބިލަކީ ވެސް ކުރީގެ ބިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށެވެ.
އަބަދުވެސް ވަކާލާތު ކުރަނީ ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބަލާއިރު މިހާރު އޮތް ނިޒާމް އިސްލާހުކުރަން ޖެހިފައިވީ ނަމަވެސް، ދެން އެކުލަވާލާ ނިޒާމު ވާންވާނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓް ކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މީގެއިތުރުން އެމްޖޭއޭއިން ބުނީ އެފަދަ ނިޒާމެއް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއްކަން ވެސް އެ ޖަމްއިއްޔާއިން ހަނދާކޮށްދިނެވެ.
އެމްޖޭއޭއިން މިހާރުގެ ބިލަށް ތާއީދު ނުކުރާކަން ހާމަކޮށް އެ ޖަމިއްޔާއިން ބުނީ ބިލު އަނބުރާ ގެންދަން ހުރިހާ ނޫސްވެރިންގެ ފަރާތުން ގޮވާލާ ކަމަށެވެ. އަދި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ވެސް ބިލު ބަލައިގަތުމަށް ވޯޓު ނުދިނުމަށް ވެސް އެ ޖަމިއްޔާއިން ގޮވައިލި އެވެ.
މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވޭ ގޮތަށް: އެމްޖޭއޭ މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވޭ ގޮތަށް: އެމްޖޭއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ