އެޗްއާރުސީއެމަށް މެންބަރަކު އައްޔަންކުރަން ދައުރުން ބޭރު ދެ ޖަލްސާއެއް ބޭއްވޭތޯ ބަލަނީ

ބައެއް މަސައްކަތްތައް ނިންމާލުމަށް ޓަކައި ދައުރުން ބޭރުން ދެ ޖަލްސާ ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. "ސަން" އާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި މަހުގެ 27ވަނަ ދުވަހާއި 28 ވަނަ ދުވަހު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް އާ މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ. މިއަދުގެ ޖަލްސާގައިވަނީ އެ ކޮމިޝަނަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތިން ނަމެއް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފައެވެ. އެ ނަންތަކަކީ: އަހްމަދު މަޤްސޫމް / ސީބްރީޒް، އައްޑޫ ހުޅުދޫ އަމީރާ ނައީމް / ހ. ގުރުސް ފާތިމަތު ނަފްއަތު އަބްދުލްވައްހާބު / ދަފްތަރު ނަންބަރު ދރ 712 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކަނޑައެޅީ ރައީސް ފޮނުއްވި ނަންތައް ދިރާސާކުރުމަށް ފަހު އިންޓަވިއުކޮށް މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ނިންމާލުމަށެވެ. އަދި މިއަދުން ފެށިގެން ޝަކުވާ ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދޭން ކޮމިޓީން ވަނީ ނިންމައިފައެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ނިމުނު ދައުރު ނިމޭނެ ކަމަށް އޮތީ މި މަހުގެ 15 ވަނަ ދުވަސް ކަމަށްވާ މިދިޔަ ހުކުރު ދުވަހަށެވެ. އެކަމަކު މުހިންމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ، މަޖިލީހުގެ ރިޔާސަތުން ނިންމީ އަންނަ ބުރާސްފައްޗަށް ދައުރު ދަންމާލުމަށެވެ. ނަމަވެސް މިއަދު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ވަނީ ކުރުކޮށްލައިފައެވެ. މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ، ސަރުކާރާ ގާތް ގުޅުމެއް އޮންނަ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކޮށްފައެވެ. ނަމަވެސް ޖަލްސާ ކުރުކޮށްލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މި ބިލަށް ބަހުސްކުރަން ގިނަ މެންބަރުންތަކެއް އެދިވަޑައިގެންފައިވާ ކަމާއި، ބައެއް މެންބަރުން މި ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާކަން ފާހަގަކުރެވުނު ކަމަށެވެ. އެއާއެކު، މެންބަރުންނަށް ބިލު ދިރާސާކުރުމަށް އިތުރު ވަގުތު ދިނުމަށް ނިންމަވައި އަބްދުއްރަހީމް ވަނީ ބިލުގެ ބަހުސް ކުރުކޮށްލައްވައިފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މި ދައުރުގެ ޖަލްސާތައް ކުރުކޮށްލެވިކަން އަބްދުއްރަހީމް އިއުލާނުކުރެއްވިއެވެ. މި ނިމުނު ދައުރު ދަންމާލި މުއްދަތުގައި މާ ބޮޑު މަސައްކަތެއް ނުކުރި ކަމުގައި ވިޔަސް، އިއްޔެ ވަނީ އިންޝުއަރެންސް ބިލާއި, އެމްއެމްއޭގެ ކުންފުނި "ޕޭމަންޓް މޯލްޑިވްސް" އުފެއްދުމަށް ގައުމީ ޕޭމަންޓް ސިސްޓަމަށް ގެނައި އިސްލާހުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން ރުހުން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ