މޯލްޑިވްސް ޖޫނިއާ އޯޕަންއަށް 344 އެންޓްރީ
ދި ބެޑްމިންޓަން ކްލަބުން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" މުބާރާތުގައި ބައިވެރިވާން 344 އެންޓްރީ ލިބިއްޖެއެވެ. ދި ބެޑްމިންޓަން ކުލަބަކީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އިސްކޮށް ހަރަކާތްތެރިވާ ކުލަބެކެވެ. ކުލަބު ވުޖޫދަށް ގެނެސް އެންމެ ފުރަތަމަ ބާއްވާ ބޮޑު މުބާރާތަކީ މި މުބާރާތެވެ. ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގަ އަންނަ މަހުގެ އެއްވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި މުބާރާތް ކުރިއަށްދާނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އާ ގުޅިގެންނެވެ. މުބާރާތުގައި ބައިވެރިވާ ބައެއް ކުލަބުތަކުގެ ތެރޭގައި ރިވައިވަލް ސްޕޯޓްސް، ރިވައިވަލް ސްޕޯޓްސް އޭދަފުށި، ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު، އައްޑޫ ބެޑްމިންޓަން ކްލަބް، އެމް ސްޕޯޓްސް އެކަޑަމީ، ބެޑްމިނޭޓާސް އެކަޑަމީ އަދި ލޯލޯ ސްޕޯޓްސް އެކަޑަމީ ހިމެނެއެވެ. ޖުމުލަ 30 އިވެންޓު ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ބޮޑު ތަރުހީބާއެކު ޖުމްލަ 344 އެންޓްރީ ލިބުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ އެކަޑަމީން ފާހަގަކުރެއެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޔޫރަޕާއި އޭޝިއާގެ ކުޅުންތެރިން ވެސް މި މުބާރާތުގައި ވާދަކުރުމެވެ. ދާދި ފަހުން އެކުލަވާލި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ވާދަކުރާ މި މުބާރާތުގައި ހަ އުމުރުފުރާއެއް ހިމެނެއެވެ. އެއީ ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މީގެ އިތުރުން، އޯޕަން ކެޓަގަރީ، ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް ހިމެނެއެވެ. މި ކެޓަގަރީގެ މެޗުތައް ކުޅޭނީ ފުރަތަމަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ