ނިއުކްލިއާ ކުނި ބޭނުންކޮށްގެން ވެސް ނިއުކްލިއާ ހަކަތަ އުފެއްދޭނެ: ދިރާސާ
ސާފު ހަކަތައިގެ މުސްތަގުބަލު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ނިއުކްލިއާ ފިއުޝަންގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ނިއުކްލިއާ ކުނި ބޭނުންކޮށްގެން ނިއުކްލިއާ ހަކަތަ އުފެއްދޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާގެ ލޮސް އެލަމޮސް ނޭޝަނަލް ލެބޯޓްރީގެ ނިއުކްލިއާ ފިޒިކްސްގެ މާހިރެއް ކަމަށްވާ ޓެރެންސް ޓާނޯސްކީގެ ދަށުން ހެދި މި ދިރާސާއިން، ނިއުކްލިއާ ޕްލާންޓްތަކުން އުފެދޭ ނުރައްކާތެރި ރޭޑިއޯއެކްޓިވް ކުނި ބޭނުންކޮށްގެން، ފިއުޝަން ހަކަތަ އުފެއްދުމަށް ބޭނުންވާ މައިގަނޑު އެއް ބާވަތް އުފެއްދޭނެކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނިއުކްލިއާ ފިއުޝަން އަކީ، ޑިއުޓީރިއަމް އަދި ޓްރިޓިއަމް ކިޔާ ހައިޑްރޮޖަންގެ ދެ ބާވަތެއް އެއްކޮށްލައިގެން ގިނަ ހަކަތަ އުފައްދާ ޕްރޮސެސްއެކެވެ. ނަމަވެސް، މީގެ ތެރެއިން ޓްރިޓިއަމް އަކީ ދުނިޔޭގައި ވަރަށް މަދު އެއްޗެކެވެ. ޓާނޯސްކީ ފާހަގަކުރައްވާ ގޮތުގައި، މުޅި ދުނިޔެއިން ވެސް ގުދުރަތީ އަދި އުފައްދާފައިވާ ޓްރިޓިއަމްގެ ގޮތުގައި ހުރީ އެންމެ ދިހަވަރަކަށް ކިލޯގްރާމެވެ. މިއީ މުސްތަގުބަލުގެ ހަކަތައިގެ އެންމެ ބޮޑު އިންޑަސްޓްރީ ހިންގުމަށް އެއްވެސް ގޮތަކަށް ފުދޭނެ މިންވަރެއް ނޫނެވެ. ޓްރިޓިއަމްއަކީ ހަމައެކަނި މަދު އެއްޗެއް ނޫނެވެ. އެއީ ރައްކާކުރުމަށްވެސް އުނދަގޫ، އަދި ވަރަށް އަވަހަށް ބާރުދާ އެއްޗެކެވެ. އޭގެ ހާފް-ލައިފްއަކީ 12.3 އަހަރު ކަމަށްވާތީ، މިއަދު އުފެއްދި ނަމަވެސް 30 އަހަރު ފަހުން ބޭނުންކުރުމަށް ރައްކާކުރުމަކީ ނުވާނެ ކަމެކެވެ. މި މައްސަލައާ އެކު، ދެވަނަ ބޮޑު މައްސަލައެއް ވެސް އެބައޮތެވެ. އެއީ މިހާރު ހިންގާ ނިއުކްލިއާ ފިއުޝަން ޕްލާންޓްތަކުން އުފެދޭ ނުރައްކާތެރި ކުނީގެ މައްސަލައެވެ. މި ކުންޏަކީ މިލިއަން އަހަރު ވަންދެން ރޭޑިއޯއެކްޓިވްކޮށް ހުންނަ، އަދި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުވާ އެއްޗެކެވެ. ޓާނޯސްކީ ވިދާޅުވާ ގޮތުގައި، ކޮންމެ އަހަރަކު މިފަދަ ކުނީގެ 2،000 މެޓްރިކް ޓަނު އިތުރުވަމުންދާތީ، މި މައްސަލަ ދަނީ ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންނެވެ. ޓާނޯސްކީގެ އައު ހުށަހެޅުއްވުމަކީ މި ދެ މައްސަލަ އެއްފަހަރާ ހައްލުކުރުމެވެ. އޭނާގެ ޚިޔާލަކީ، ނިއުކްލިއާ ކުނިތައް ލިތިއަމް ލޮނުގަނޑެއްގެ ތެރެއަށްލުމަށްފަހު، "ސުޕަކޮންޑަކްޓިން ލިނިއާ އެކްސެލެރޭޓަރެއް" ބޭނުންކޮށްގެން، ކުނީގެ ތެރޭގައި ހިމެނޭ ޔޫރޭނިއަމް އާއި ޕްލޫޓޯނިއަމްގެ އެޓަމްތަކުން، ނިއުޓްރޯންތަކެއް އުފެއްދުމެވެ. އެ ނިއުޓްރޯންތައް ލިތިއަމްއާ އެކުވުމުން، ފިއުޝަންއަށް ބޭނުންވާ ޓްރިޓިއަމް ގިނަ އަދަދަކަށް އުފެދޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި އުކުޅު ބޭނުންކޮށްގެން، އާދައިގެ ފިއުޝަން ރިއެކްޓަރަކުން އުފައްދާ މިންވަރަށްވުރެ 10 ގުނަ އިތުރަށް ޓްރިޓިއަމް އުފެއްދިދާނެ ކަމަށް ޓާނޯސްކީ ގަބޫލުކުރައްވައެވެ. ނަމަވެސް، މިއީ އެއް ދުވަހުން ހަގީގަތަކަށް ހެދިދާނެ ކަމެއް ނޫން ކަމަށާއި، މިފަދަ ބިޔަ މަޝްރޫޢެއް ހިންގުމަށް ސަރުކާރުތަކާއި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި ދިގު މުއްދަތުގެ ރޭވުމެއް ބޭނުންވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހުރިހާ ގޮންޖެހުންތަކާއެކުވެސް ޓާނޯސްކީ ހުންނެވީ ވަރަށް ބޮޑު އުއްމީދެއްގައެވެ. އޭނާ ވިދާޅުވީ، މީގެ ދިހަ އަހަރު ކުރިން ނިއުކްލިއާ ހަކަތައާ ބެހޭ ގޮތުން ވާހަކަ ދެއްކިއިރު ގިނަ މީހުން ތިބީ ބިރުން ކަމަށާއި، ނަމަވެސް މިއަދު، ތިމާވެއްޓަށް ގެއްލުންހުރި ކޯލް ފަދަ ތަކެތި ބޭނުންކުރުމުގެ ނަތީޖާ ފެނުމުން، މިފަދަ ސާފު ހަކަތައިގެ މަޝްރޫޢުތަކާ މެދު މީހުންދެކޭގޮތް ރަނގަޅުވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ