މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން އެހީ ދޭ އުސޫލު އެކުލަވާލައިފި

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭ އުސޫލެއް އެކުލަވާލައި، އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ތަފްސީލު - ޔޫތު މިނިސްޓްރީން މިއަދު އާންމުކުރި 'މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު'ގެ ދަށުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ދޫކުރާނެ އެވެ.
އެއީ ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުލައި، ބަޖެޓުގައި އަންދާޒާ ކުރާ އާމްދަނީގެ 0.1 ޕަސެންޓަށް ވާ މިންވަރަށެވެ.
އެ ފައިސާ ދޫކުރަން ރާވާފައިވާ ގޮތަކީ:
ބްރޯޑްކާސްޓް މީޑިއާތަކަށް %35
ޕްރިންޓް/އޮންލައިން މީޑިއާތަކަށް %65
ފާހަގަކުރެވޭ - އެ ފައިސާ ދޫކުރަން ރާވާފައިވަނީ، ޝަރުތު ހަމަވާ މީޑިއާތަކުން އެކަމަށް އެދި ހުށަހެޅުމުން، ސަރުކާރުން ބަލައި ވަކި އަދަދަކަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީޑިއާތަކަށެވެ. އަދި މިނިސްޓްރީން ކޮންމެ އަހަރަކު އެއް ފަހަރު އެކަމަށް ހުށަހެޅުމަށް އިއުލާންކުރަން ޖެހެ އެވެ.
އެނގުން މުހިންމު - މި އަހަރުގެ ބަޖެޓުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 39.8 ބިލިއަން ރުފިޔާ އެވެ.
ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީީކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ލައިސެންސް ދޫކޮށްފައިވާ އަމިއްލަ މީޑިއާއަކަށް ވުން
ރަޖިސްޓްރީ ނުވަތަ ލައިސެންސް ހޯދުމަށް ފަހު މެދުނުކެނޑި ހިންގާތާ ތިން އަހަރު ވުން
މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައި ހުރުން
އާންމުން އެ މީޑިއާއަކާ މުއާމަލާތް ކުރެވޭނެ އިންތިޒާމު ގާއިމްކޮށް، އެ މައުލޫމާތު އާންމުކޮށްފައިވުން
ބަރާބަރަށް ޓެކްސް ފައިސާ ދެއްކުން
ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ، އެ ސްކީމަށް ފައިސާ ދައްކާ މީޑިއާއަކަށް ވުން
ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ބަޔާންތައް އެކުލަވާލައި، މުވައްޒަފުންގެ މުސާރަ މަހުން މަހަށް ބޭންކް މެދުވެރިކޮށް ޖަމާކުރުން
މަސްއޫލުވެރި ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ މީހަކަށް ވުން
މީގެ އިތުރުން އެހީއަށް އެދި ހުށަހަޅާ މީޑިއާތަކަށް ޕޮއިންޓު ދޭނެ މިންގަނޑު ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
މުހިންމު ބައެއް ނުކުތާތައް:
ފައިސާ ދޫކުރާނީ އެ މީޑިއާއެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް އެކަނި
ފައިސާ ދޫކުރާނީ އެ މީޑިއާއަކަށް ލިބޭ ޖުމުލަ އަދަދު، ގިނަ ވެގެން ތިން ޕޭމަންޓަކަށް ބަހާލައިގެން؛ ފުރަތަމަ ޕޭމަންޓުގެ %50 ދިނުމަށްފަހު ބާކީ ބައި ބަހާލާނީ %25ގެ ދެ ބަޔަކަށް
އެހީއަށް އެދޭ މީޑިއާތަކަށް ލިބޭ ޕޮއިންޓުތައް އާންމުކޮށް ފެންނަ ގޮތަށް، ޕޯޓަލްއެއްގައި ހުންނާނެ
އެހީއަށް އެދި ހުށަހަޅާ ފަރާތުގެ އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ އޮތަސް އެހީއަށް އެދެވޭނީ ކޮންމެ ބާވަތަކުން (ބްރޯޑްކާސްޓް އަދި ނޫސް މަޖައްލާ) އެއް މީޑިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ