ގޮއިދޫ އަތޮޅުތެރޭ ހިއްކައިގެން ރިސޯޓު ހެދުމަށް ވުރެ، ގެސްޓުހައުސް ވިޔަފާރިންލިބޭ ފައިސާ އިތުރުވާނެ: ނަޝީދު
ބ. ގޮއިދޫ އަތޮޅުތެރޭ ހިއްކައިގެން ރިސޯޓެއް ހެދުމަށް ވުރެ، ގެސްޓުހައުސް ވިޔަފާރިން ލިބޭ ފައިސާ އިތުރުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި ބ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން ވިދާޅުވީ، އެރަށު ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ބިޑު އެވޯޑުކުރައްވާފައިވާ ކަމަށެވެ. އަދި، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ގޮއިދޫ އަތޮޅުތެރޭ ވަކި ރަށެއް ހިއްކައިގެން ރިސޯޓު ހެދުމަށް ވުރެ، މިހާރު އެތަން އޮތް ގޮތަށް ބާއްވައިގެން އަތޮޅަށް ލިބޭނެ ތަނަވަސްކަން ބޮޑުވާނެ ކަމަށެވެ. https://x.com/MohamedNasheed/status/1957782824309911594?t=0dcVv7y5mykgasWO2UKgpw&s=19 ގެސްޓުހައުސް ވިޔަފާރިން، ރިސޯޓެއް ހެދުމަށްވުރެ، ގޮއިދޫއަށް ލިބޭ ފައިސާއާއި މަންފާ އިތުރުވާނެ ކަމަށް ނަޝީދު ގަބޫލުކުރައްވައެވެ. އަދި، ކޮންމެހެން އެ ސަރަހައްދުގައި ރިސޯޓެއް ހަދަން ވެއްޖެ ނަމަ، 'ގޮއި ފުޅަ ފެހެންދޫ' ކޮންމެވެސް އެއް ރަށެއްގެ ބައެއްގައި ރިސޯޓެއް ތަރައްގީކުރެވިދާނެކަން ނަޝީދު ފާހަގަކުރެއްވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ގޮއިދޫއާއި ފުޅަދޫއާއި ފެހެންދޫއަކީ އެއް ފަޅެއް ތެރޭ އޮންނަ ތިން ރަށެވެ. އޭގެތެރެއިން ގޮއިދޫގައި، 580 އެއްހާ މީހުން އުޅޭއިރު، ފުޅަދޫގައި އުޅެނީ 300އެއްހާ މީހުންނެވެ. އަދި، ފެހެންދޫގައި 200 އެއްހާ މީހުން އުޅޭއިރު، އެތިން ރަށުގައި ވެސް ގެސްޓްހައުސްގެ ވިޔަފާރި ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ