މީޑިއާތަކަށް 27.9 މިލިއަން ދޭއިރު މުވައްޒަފުންގެ ތައުލީމީ ފެންވަރާއި އަންހެން މުވައްޒަފުންގެ އަދަދަށް ބަލަނީ

މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓް ފައިސާ މީޑިއާތަކަށް ދޭން ނިންމައި މިއަދު ގެޒެޓުކޮށްފައި ވާއިރު، މި ފައިސާ ދިނުމުގައި މުވައްޒަފުންގެ ތައުލީމީ ފެންވަރަށާއި އަންހެން މުވައްޒަފުންގެ އަދަދަށް ބަލާނެ ކަމަށް އުސޫލުގައި ކަނޑައަޅައިފިއެވެ. މިއަދު ގެޒެޓުކުރި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލުގައި ވާގޮތުން، މީޑިއާތަކަށް ފައިސާ ދޫކުރަނީ، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެއްކަން ރައީސް އޮފީހުން ފާހަގަކުރިއެވެ. މި ނިންމުމުގެ ދަށުން ބްރޯޑްކާސްޓް މީޑިއާ އަދި ޕްްރިންޓް މީޑިއާއާއި އޮންލައިން މީޑިއާއަށް ވަކިން ފައިސާ ދޭނެއެވެ. އެގޮތުން ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ބްރޯޑްކާސްޓް މީޑިއާތަކަށ،ް ކަނޑައެޅޭ މިންވަރުގެ35 ޕަސެންޓް ދޭއިރު އަމިއްލަ ޕްރިންޓް ނުވަތަ އޮންލައިން މީޑިއާތަކަށ،ް ކަނޑައެޅޭ މިންވަރުގެ 65 ޕަސެންޓް ދޭން ވަނީ ހަމަޖެހިފައެވެ. ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާއެއް: މީޑިއާތަކަށް ދައުލަތުން ފައިސާ ދިނުމުގެ އުސޫލެއް ވަނީ އެކުލަވައިފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ ސަރުކާރުން ވަނީ މި އަހަރު މީޑިއާތަކަށް ދޭން ޖެހިފައިވަނީ 27.9 މިލިއަން ރުފިޔާ ކަމާއި އެ ފައިސާ ދޭނީ ގަނޑުކޮށް ކަމަށް ބުނެފައެވެ. އެ ފައިސާ ދިނުމުގެ އުސޫލުގައި ވަނީ, ކޮންމެ އަހަރަކު ވެސް ފައިސާ ދިނުމަށް އެދި ހުށަހެޅުމަށް އާޓްސް މިނިސްޓްރީން ހުޅުވާލާނެ ކަމަށެވެ. އެގޮތަށް ހުޅުވާލުމުން ކުރިމަތިލާ މީޑިއާގެ ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި: ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ ޚިދުމަތް ދިނުމަށް ޓަކައި ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައި ވުން ރަޖިސްޓަރީ ނުވަތަ ލައިސަންސް ހޯދުމަށްފަހު މެދުނުކެނޑި ހިންގާތާ މަދުވެގެން 3 އަހަރުދުވަސް ވެފައި ވުން ޓެކުހާ ގުޅޭ ޤާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށް ވުމާއި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތެއްކަމުގައި ވުން ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ އެ ސްކީމަށް ފައިސާ ދައްކަމުން އަންނަ ފަރާތަކަށް ވުން ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާންތައް އެކުލަވައިލައި މުވައްޒަފުންގެ މުސާރަ މަހުންމަހަށް އެ މުވައްޒަފެއްގެ އެކައުންޓަށް، ބެންކު މެދުވެރިކޮށް ޖަމާކުރާ ފަރާތެއްކަމުގައި ވުން މީޑިއާތަކުން ފައިސާއަށް އެދި ލިޔެކިޔުން ހުށަހަޅަން ޖެހޭނީ ކަމާ ގުޅޭ ޕޯޓަލްއަކަށް ކަމަށާއި އެ ޕޯޓަލްއިން އެ މީޑިއާތަކަށް ލިބޭ ޕޮއިންޓް ފެންނަން ހުންނާނެ ކަމަށް އުސޫލުގައިވެއެވެ. އެގޮތުން ޕޮއިންޓް ދޭއިރު ބަލާނީ: ފާއިތުވި މާލީ އަހަރުގެ ޕާފޯމަންސް ޕްރޮޕޯޒަލް؛ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުންރަޖިސްޓަރީކޮށްގެން ހިންގާ މުއްދަތު ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ މުއްދަތު ޗެނަލް ނުވަތަ ނޫހުގެ މިހާރުގެ އޮޕަރޭޝަންސް ޗެނަލް ނުވަތަ ނޫސް ކުރިއެރުވުމަށް ރާވައިފައިވާ ކަންކަން މީޑިއާގެ މުވައްޒަފުންނަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ މީޑިއާއާ މެދު އެއްވެސް ފިޔަވަޅެއް އަޅައި އެ އެޅި ފިޔަވަޅެއްއާންމުކޮށްފައިވާ ނަމަ އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭޝަނުން ކޮންމެ ފިޔަވަޅަކަށް ތިން ޕޮއިންޓުގެ މަގުން ޕޮއިންޓު އުނިކުރެވޭނެ އެ އުސޫލުގައި ވަނީ މީޑިއާ ރަޖިސްޓަރީކޮށް ހިންގާފައިވާ މުއްދަތަށާއި މިންތީގެ ހަަމަހަމަ ކަމަށް އިތުރަށް ޕޮއިންޓް ލިބޭނެ ކަމަށް ބުނެފައެވެ. އެގޮތުން ފައިސާ ލިބޭނީ 60 ޕޮއިންޓަށް ވުރެ މަތިން ލިބުމުން ކަމަށްވާއިރު, މާލީ އެހީ ކަނޑައަޅަން ހަމަޖެހިފައިވަނީ ފޯމިއުލާއެއް މެދުވެރިކޮށެވެ. އެ އުސޫލު އާންމުކުރިއިރު، ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު'ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފައެވެ. އެ ބިލަކީ ރައީސަށާއި ސަރުކާރަށް މީޑިއާތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް ބިލެއް ކަމަށް އިދިކޮޅުންނާއި މީޑިއާ ޖަމިއްޔާތަކުން ބުނާއިރު, މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ސަރުކާރުން ވަނީ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ