އަރިއަތޮޅު އުތުރުބުރީ މާޅޮހު ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެރަށުގެ ޞިއްހީ މަރުކަޒުގައި ބަލިމީހުންނަށް ޚިދުމަތްދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ތެރޭގައި ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކުރެވޭނެ ކަމަށެވެ. އެ މަޝްރޫޢު ކުރިއަށްގެންދާއިރު ލެބޯޓްރީގެ ޚިދުމަތް ވެސް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އއ. މާޅޮހުގެ ތަރައްޤީއަށް މުހިންމު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އެއީ މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ. މި މަޝްރޫޢަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާފަރާތްތަކާއި ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް ކުރިއަށް ގެންދެވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
އަރިއަތޮޅު ރަންފަރު މާޅޮހުގެ އިޙުތިސާސްގެ ތެރޭގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ރައިސުލްޖުމުހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ އިޤްތިޞާދީ ފައިދާ ހޯދުމަށް އެފަޅުގެ ބޭނުން ފުޅާދާއިރާއެއްގައި ހިފުމުގެ ފުރުޞަތު ރައްޔިތުންނަށް މިހާރު އެބައޮތް ކަމަށެވެ. ރައްޔިތުންނާ މަޝްވަރާކޮށްގެން، ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.
އަރިއަތޮޅު އުތުރުބުރީ މާޅޮހު ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ