ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަންގަވައިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން މާޗު 3، ގައި ވަކިކުރި ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު އަނެއްކާވެސް އެ ކޮމިޓީއަށް އައްޔަނުކޮށްފި އެވެ.
އޭނާ އެ ކޮމިޓީއަށް ހަމަޖެއްސީ އެ ކޮމިޓީގައި ހިމެނުނު ވިލިމާލެ ދާއިރާ މެންބަރު، މުހައްމަދު އިސްމާއިލްގެ ބަދަލުގަ އެވެ.
މަޖިލީހުގެ 241 ކޮމިޓީން އަޒާން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަށް އޭނާ ނިންމުމާ ގުޅިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތަކުން އެއްފަރާތް ކޮށްފައި ބެހެއްޓުމަށްފަހު އެވެ. 241 ކޮމިޓީން އަޒާން ވަކިކުރީ ސީދާ މުއިއްޒު އަންގަވައިގެން ކަމަށް އެކި މަސްދަރުތަކުން އަދަދު އަށް އޭރު ކަށަވަރު ކޮށްދިނެވެ.
241 ކޮމިޓީގެ އިތުރުން މާލިއްޔަތު ކޮމިޓީގައި ވެސް އަޒާން މީގެ ކުރިން ހިމެނުނެވެ. ނަމަވެސް އެ ކޮމިޓީން ވެސް އޭނާ ވަކިކުރީ ހަމަ 241 ކޮމިޓީން ވަކިކުރި ދުވަހު އެވެ.
ރައީސް މުއިއްޒު އާއި އަޒާން އާ ދެމެދު މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެއްދެވުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތުރީ ލައިން ވިޕާ ހިލާފުވެވަޑައިގެންފަ އެވެ.
އޭނާ އަލުން 241 ކޮމިޓީއަށް އައްޔަނު ކޮށްފައި މިވަނީ މިނިވަން މީޑިއާ ނައްތައިލުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައި ސަރުކާރު މެންބަރުން އެ ބިލަށް ތާއީދު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މަޖިލީހަށް އިންތިހާބުވުމުގެ ކުރިން އަޒާންއަކީ ނޫސްވެރިޔެކެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލާ ދެކޮޅަށް މިއަދު މަޖިލީހުގެ ގެލެރީގައި ނޫސްވެރިން ވަނީ އިޖުތިޖާޖު ކޮށްފަ އެވެ.
ރައީސްއާ ގުޅުން ގޯސްވެގެން 241 ކޮމިޓީން ބޭރުކުރި އަޒާން އަނެއްކާވެސް އެ ކޮމިޓީއަށް ރައީސްއާ ގުޅުން ގޯސްވެގެން 241 ކޮމިޓީން ބޭރުކުރި އަޒާން އަނެއްކާވެސް އެ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ