އަދީބު ނައިބު ރައީސްކަމަށް ގެންނަން ދެކޮޅު ހަދާފައެއް ނުވާނެ: މައުމޫން

ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނައިބު ރައީސްކަމަށް ނުގެނައުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އެދިވަޑައިގަތް ކަމަށް ބުނެ ފެތުރޭ ވާހަކަތައް މައުމޫން ދޮގު ކުރައްވައިފި އެވެ.
އަދީބު ނައިބު ރައީސްއަށް ގެނެސްފި ނަމަ، އެކަމުގެ ސަބަބުން ސަރުކާރުގެ އަގު ވެއްޓޭނެ ކަމަށް ބުނެ، މައުމޫން ރައީސް އަށް އެސްއެމްއެސް ކުރެއްވި ކަމަށް ބުނެ މިއަދު ވަނީ އަޑުފަތުރައިފަ އެވެ. އެކަމާ ގުޅިގެން ރައީސްގެ މަންދޫބެއްގެ ގޮތުން އޮމާންގައި މިވަގުތު ހުންނެވި މައުމޫން ބައެއް މީޑިއާތަަކަށް ވިދާޅުވެފައި ވަނީ، އެފަދަ އެސްއެމްއެސްއެއް ނުފޮނުއްވާ ކަމަށާއި އެއީ ދޮގެއް ކަމަށެވެ. އަދި ވަކި މީހަކު ނައިބު ރައީސް ކަމަށް ނުގެނައުމަށާއި ގެނައުމަށް ވެސް މަސައްކަތް ނުކުރައްވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ނައިބު ރައީސްގެ މައްސަލައިގައި މައުމޫން ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް ދާދިފަހުން ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވެފައި ވަނީ، ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް މީހަކު ލުމަކީ ރައީސްއަށް ގާނޫނު އަސާސީ އިން ދީފައި އޮތް ބާރެއް ކަމަށެވެ. އެހެންވެ، ރައީސް އެ މައްސަލައިގައި ނިންމާ ނިންމެވުމަކަށް އިހުތިރާމް ކުރުމަށް މައުމޫން އެދިވަޑައިގެންފައިވެ އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނައިބު ރައީސްގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އިރު، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ އެކި މެންބަރުން ވިދާޅުވަމުން ގެންދަވަނީ އަދީބު ނައިބު ރައީސްކަމަށް ގެންނާނެ ކަމަށެވެ. އަދި އަދީބު ނައިބު ރައީސްކަމަށް ގެނައުމަށް ގޮވާލާ ކެމްޕޭނެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ