މިއީ ވައުދުތައް ރަނުން ރަނަށް ފުއްދާނެ ފުރަތަމަ ސަރުކާރު

މިއީ ވައުދުތައް ރަނުން ރަނަށް ފުއްދާނެ ފުރަތަމަ ސަރުކާރު ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ ހޭނެތިފައި ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ގިނަ އަދަދަކަށް ލޯނުތައް ނެގި ނަމަވެސް ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ. މި ސަރުކާރުން ދަނީ އެމްޑީޕީ ސަރުކާރުން ނެގި ދަރަނިތައް ދައްކަމުން، އަސާސީ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަދި އަތޮޅުތެރޭގެ ތަރައްގީއަށް ބޭނުންވާ ކަންކަން ވެސް ކުރަމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ދެން ވެރިކަމަށް އަންނަ ބަޔަކު އަބަދުވެސް ކުރަންޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ހުރިހާ ވަގުތެއް މިކަމަށް ހޭދަކުރައްވަމުން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. އަދި ވާދަވެރިން ބޭނުން ވަނީ ރައީސް މުއިއްޒަށް ކުރެވެން އޮތް އަނިޔާއެއް ދީގެން ސިޔާސީ ގޮތުން މައިތިރިކުރަން ކަމަށާއި ނަމަވެސް އެމަނިކުފާނަށް އަމާޒުކުރާ ކޮންމެ ހަމަލާއެއް ފެއިލްވަމުންދާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އެގޮތުން، ހުޅުމާލެ ފޭސް 1ގައި މިހާރު މަޝްރޫޢުތައް ފެށިގެން ކުރިއަށްދާ ކަމަށާއި، ފޭސް 3ގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.
އަދި ގުޅީފަޅުގަ ކުރިއަށްދާ ހައުސިން މަޝްރޫޢުތަކާއި އަދި މިނޫނަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް މި ދައުރުތެރޭ ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ސަރުކާރު ވެގެންދާނީ މިހާތަނަށް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް، އަކުރުން އަކުރަށް ތަންފީޒުކޮށްދީގެން ދާނެ ފުރަތަމަ ވެރިކަމުގެ ގޮތުގައި ރައްޔިތުންނަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަޕޯޓަރުންނަށާއި ރައްޔިތުންނަށް އަރުވަން،" ޝުޖާއު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ