މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެމީހަކު މާލެއިން ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ޖުލައި މަހުގެ 5 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ގ. ސެމިޓޯން، މާލެ، ޙަމްޒާ ޝަރީފް (44އ) އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އަދި މި ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމު ހުރި ކަމަށްވެސް ބުންޏެވެ. 
މި މައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފްއާއި ޙަމްޒާ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ