ފަރުމުލީގައި ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް

ނ. މާފަރުގެ އިހްތިސާސުން މިއަދު ވަކިކުރި ފަރުމުލީގައި ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލަން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ދެންމެ ކުރި އިއުލާނެއްގައި ބުނީ ފަރުމުލީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ބަޔަކު 21 ޖުލައި ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 18 އޮގަސްޓް ވާ ހޯމަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ބީލަން ހުށަހެޅުމަަށް ވަނީ އެދިފަ އެވެ.
* ބީލަން ހުށައެޅުން -  10 ސެޕްޓެމްބަރު ހެނދުނު 10:00
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ "ދިވެހިރާއްޖޭަގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އިސްލާހު ކޮށް ގަރާރެއް ނެރުއްވާފަ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ފެބްރުއަރީ 2025 ގައި މިލަދުންމަޑުލު ދެކުނުބުރީ ފަރުމުލި އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ފަރުމުލި އަކީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ފަރުމުލި އަކީ އެ އަތޮޅ މާފަރު ބައެއް ނޫންކަމުގައި ކަނޑައަޅާފައިވާ ކަމަށް ގަރާރުގައި ބުނެ އެވެ.
އެ ބަދަލާ އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓް ވަނީ އަދާ ހަމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ