މާދަމާއަކީ ފަހު ރޯދަ، ފިޠުރު ޢީދަކީ ހުކުރު ދުވަސް

ރާއްޖެއާއި އަރަބި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު މިއަދު ފެނިފައިނުވާތީ، މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ހަނދާ ބެހޭ ބަޔާނުގައި ބުނީ މިއަދު އިރުއޮއްސުމުގެ ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުނުވާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.
މީގެ އިތުރުން އިސްލާމި އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ މައުލޫމާތު ރަސްމީ ގޮތުން ލިބިފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންވެ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި އަދި މާޗް 20 ވާ ހުކުރު ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ